ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެމަނިކުފާނުގެ އޮފީހުގައި ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މި ބައްދަލުވުން ކުރިއަށްދިޔަކަން ހާމަކޮށް އެ އޮފީހުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ މި ބައްދަލުވުމުގެ ފޮޓޯތައް އާންމުކޮށްފަ އެވެ. މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ރައީސް އޮފީހުން ހާމަކޮށްފައި ނުވެ އެވެ.
މިއަދި ރައީސް ގެންދަވަނީ ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުންނާއި ބައްދަލުކުރައްވަމުންނެވެ. އެމަނިކުފާނު މިފަދަ މަޝްވަރާތަކެއް ބާއްވަމުން މި ގެންދަވަނީ ވަޒީރުންނަށް ރުހުން ދިނުމާއި އަދިވެސް އެހެނިހެން ބައެއް މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއާ ހިޔާލު ތަފާތުވުންތަކެއް އެފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަދި ޖުމްހުރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމްއާ ވެސް ރައީސް މިއަދު ބައްދަލުކުރެއްވި އެވެ.
އެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި މި ވަނީ ރައީސް އަދި ނައިބު ރައީސް އަޒުލުކުރުމުގެ މަސައްކަތްތަކެއް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.













