ސަރުކާރުން ހިންގާ މިސްކިތްތަކުގެ މަޝްރޫއުތަކުގެ ދަށުން މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތްކުރި ކުންފުނިތަކަށް ނުދީހުރި 22 މިލިއަން ރުފިޔާ ސަރުކާރުން ދޫކޮށްފައި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ އަމާޒަކީވެސް ހުއްޓިފައިވާ މިސްކިތްތަކުގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުން ކަމަށެވެ.
"ރައީސް ޑރ މުއިއްޒު ސަރުކާރާ ޙަވާލުވި އިރު މިސްކިތް އިމާރާތްކުރުމުގެ މަސައްކަތްކުރި ކުންފުނިތަކަށް ދައްކަންވެފަ ހުރި 22 މިލިއަން ރުފިޔާގެ ބިލްތަކަށް ފައިސާ މިހާރު ވަނީ ހަމަޖައްސަވާފަ."
މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން ފައިސާ ނުދީހުރި އެހެން ކުންފުނިތަކުގެ ބިލުތަކަށްވެސް ވަރަށް އަވަހަށް ފައިސާ ހަމަޖައްސަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ބަޖެޓު ތިން ގުނަ ބޮޑުކޮށް، 15 މިލިއަން ރުފިޔާ އެކަމަށް ހަމަޖައްސާފަ އެވެ.

ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން މާލޭގެ މޭޔަރު ކަމުގައި ހުންނަވައިގެން ވެސް ރައީސް މުއިއްޒު، މާލޭގައި ހުރި މިސްކިތްތައް މަރާމާތުކުރުމުގެ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ ޓެލެތޯން އާއި އެހެނިހެން ގޮތްގޮތުން ފަންޑު ހޯދައިގެން މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރެއްވި އެވެ.













