ދަރިމައިވުމުގެ މައްސަލަތަކަށް އޮންނަ އެއް ފަރުވާ ކަމަށްވާ އައިވީއެފް ހިދުމަތް ހޯދުން ރާއްޖޭގައި އިތުރުވަނީ ބަރަހަނާ މަންޒަރު ބެލުން އިތުރުވުމުގެ ސަބަބުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ވިދާޅުވުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބަރަހަނާ މަންޒަރުތައް ހުންނަ ވެބްސައިޓުތައް ސަރުކާރުން ބްލޮކު ކުރުމާ ގުޅިގެން ޒިހާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ މަންޒަރުތައް ބެލުން ހުއްޓުވަން ޖެހެނީ ހަމައެކަނި ދީނީ ނަޒަރަކުން ދެކިގެން ނޫން ކަމަށެވެ.
"މިއީ ދަރިމައިވުމުގެ ސިއްހަތަށް އެންމެ ބޮޑު ގެއްލުމެއް ކުރިމަތިކުރުވާ ކަމަކީ މިއީ، ރާއްޖޭގަ މިހާ ގިނަ މީހުން އައިވީއެފް ހަދަން ޖެހެނީ ކީއްވެގެންކަން އިނގޭތަ" އޭނާގެ ޕޯސްޓުގައިވެ އެވެ.
އޭނާ މިހެން ވިދާޅުވިއިރު ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވާ ސަބަބުތަކާ ގުޅޭގޮތުން ގައުމީ ފެންވަރުގައި ދިރާސާއެއް ހަދާފައި ނުވެ އެވެ.
މި ޕޯސްޓަށް ރައްދު ދީ ގިނަ ބަޔަކު ވަނީ އައިވީއެފް އާއި ބަރަހަނާ މަންޒަރުތައް ބެލުމާ ގުޅުވުމުން ޒިހާނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

"ދަރިމައިވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަކީ ބަރަހަނާ މަންޒަރުތަކަށް ދެވިހިފާފަ ތިބި މީހުން ކަމަށް ތުހުމަތު ކުރުމަކީ ވަރަށް އިހުތިރާމުކުޑަ އަމަލެއް," އެކަކު ލިޔެފައިވެ އެވެ.
އޭގެއިތުރުން، އާންމު މީހަކާ ދިމާލަށް ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމެއްގައި ހުރި ބޭފުޅަކު "ގަމާރެއް" ފަދަ އިބާރާތަކުން މުހާތަބު ކުރުމުން ވެސް އެއްބަޔަކު ވަނީ ޒިހާނަށް ފާޑުކިޔާފަ އެވެ. އެގޮތުން, މިއީ އޭނާގެ ބަސްމަގު ހުންނަން ޖެހޭ ގޮތްތޯ އެ މީހުން ވަނީ ސުވާލު އުފައްދާފަ އެވެ.
އަދި، ޒިހާނު އެފަދަ ބޮޑު ތުހުމަތެއް ކުރައްވާފައިވަނީ ކޮން ދިރާސާތަކެއްގެ މައްޗަށް ބިނާކޮށްތޯ ސުވާލުކޮށް އަދި އެ ދިރާސާތައް ހިއްސާކުރުމަށްވެސް ބައެއް މީހުން ވަނީ އެދިފަ އެވެ. މި ވާހަކަތަކަށް މިހާތަނަށް ޒިހާނު ރައްދު ދެއްވާފައެއް ނުވެ އެވެ.
ބަރަހަނާ މަންޒަރުތައް ހުރި ހުރިހާ ސައިޓެއް މި ހަފުތާގެ ތެރޭގައި ބަންދުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ އެ ފަދަ ވެބްސައިޓުތަކަށް ދެވި ހިފުމަކީ އިންސާނުންގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލައި ލޮޑުކޮށް، އުފެއްދުންތެރިކަން މަރާލާ ކަމެއް ކަމަށެވެ.













