މި ސަރުކާރުން ބަޔަކަށް ބަދަލުގެ ގޮތުގައި ފައިސާ ދީފައިވާ ކަމަށް ދެކެވޭ ވާހަކަތުގައި ހަގީގަތެއް ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރޭ ވީކްލީ ފިސްކަލް ރިޕޯޓުގައި ދައްކާ ގޮތުން, ނޮވެމްބަރު މަހުގެ ފަހު ހަފްތާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ބައެއް މީޑިއާތަކުން އެ ހަބަރު ރިޕޯޓްކުރުމުން، އެކަން ދޮގުކޮށް މިނިސްޓްރީން ބުނީ އެއީ އިންޓަނޭޝަނަލް އާބިޓްރޭޝަނެއްގެ ޓްރާންސެކްޝަނެއް ކަމަށެވެ.
"ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ފެންނަ އަދަދަކީ އިންޓަނޭޝަނަލް އާބިޓްރޭޝަންއަކާ ގުޅިގެން އެ ޓްރާންސެކްޝަން ޕަބްލިކް އެކައުންޓިން ސިސްޓަމްއަށް ޕޯސްޓު ކުރުމުން ރިޕޯޓު ކުރެވިފައިވާ އަދަދެކެވެ،" ފިނޭންސުގެ ބަޔާނުގައިވެ އެވެ.
ނަމަވެސް ފިނޭންސުން ބުނީ, އާ ސަރުކާރުން ހަވާލުވިއިރު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށާއި, އިންޓަނޭޝަނަލް އާބިޓްރޭޝަނުން ދައުލަތާ ދެކޮޅަށް ނިންމި މައްސަލަތަކާ ގުޅިގެން ބައެއް ފަރާތްތަކަށް ފައިސާ ދޫކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައި ބަޔަށް ބަހާލައިގެން ފައިސާ ދެއްކުމަށް ނިންމާފައިވުމުގެ އިތުރަށް އެއްބައި ފައިސާ ދޫކޮށްފައިވާ ފަރާތްތައް ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މި ސަރުކާރު އައުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގެއްލުމުގެ ބަދަލު ދިނުމަށް ކުރީ ސަރުކާރުން އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީ އުވާލާފަ އެވެ. އެ ކޮމިޓީން ބެލި މައްސަލަތައް, ބަންޑާރަ ނައިބުގެ ލަފަޔާ އެކުު އަލުން މުރާޖައާ ކުރަމުންދާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.












