މާލޭ މޭޔަރު ކަމަށް ވާދަ ކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރު އަދި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ކެންޑިޑަސީ ފޯމު ހުށަހަޅައިފި އެވެ.
މޭޔަރު ކަމަށް ވާދަ ކުރެއްވުމަށް އާޒިމާ ފޯމު ހުށަހެޅުއްވީ މިއަދު މެންދުރުގެ ވަގުތުގަ އެވެ. އަދި ހުސެއިން ވަހީދު ފޯމު ހުށަހެޅުއްވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ފޯމު އިލެކްޝަން ކޮމިޝަނުން ވަނީ ބަލައިގެންފަ އެވެ.
ހުސައިން ވަހީދު މީގެ ކުރިން އިއުލާނު ކުރެއްވި ގޮތުގައި އޭނާ ވެސް ވާދަކުރައްވާނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މޭޔަރު ޕްރައިމަރީއަށެވެ. ނަމަވެސް އެ ކޯލިޝަނުގެ މަތީފަޑީގައި އުފެދުނު ހިޔާލުތަފާތުވުން ތަކަކަށް ފަހު ޕީއެންސީ/ޕީޕީއެމްގެ ލީޑަރު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ކޯލިޝަނުން ވަކިވެވަޑައިގެން ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށްޓެވުމުން އާ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި މޭޔަރު ކަމަށް ވާދަ ކުރައްވަން ހުސައިން ވަހީދު ވަނީ ނިންމެވީ އެވެ.
ނަމަވެސް ބެލެވޭ ގޮތުގައި އަމިއްލަ ގޮތުން ނަން ހުށަހެޅުއްވީ އާ ޕާޓީގެ ރަޖިސްޓްރޭޝަންގެ ހުރިހާ މަރުހަލާތަކެއް އަދި ނުނިމޭތީވެ އެވެ.
އާޒިމާ އާއި ހުސެއިންގެ އިތުރުން މާލޭ މޭޔަރު ކަމަށް ކުރިމަތި ލައްވަނީ އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ މަގާމްތަކަށް ވަޑައިގަތުމަށް ސިޓީ ކައުންސިލްގެ މެމްބަރުން އިސްތިއުފާ ދެއްވުމުން މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ވެސް ވަނީ ހުސްވެފަ އެވެ.
މާލެ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.













