ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓުތެރޭގައި ކުޑަކުއްޖެެއްގެ ގަޔަށް ވަޅި ޖަހައި ޒަހަމްކޮށްލި ކަމަށް ބުނާ ހާދިސާ ހިނގިކަން ކަށަވަރު ނުކުރެވޭ ކަމަށާއި، އެ ހާދިސާ ހިނގިކަމަށް ބުނެވުނީ އޮޅުމަކުން ކަަމަށް ފުލުހުން ބުނެފި އެވެ.
ތޫނު އެއްޗަކުން ހަމަލާދީ ކުޑަކުއްޖަކު ޒަހަމްކޮށްލި ކަމަށް ފުލުހުން ހާމަކުރީ ރޭ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. ނަމަވެސް މިއަދު ފުލުހުން "އަދަދު"އަށް ބުނީ އެފަދަ ކަމެއްގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައި ނުވާކަމަށެވެ. ރޭ ކުރި ޓްވީޓު ވެސް ފުލުހުން މިހާރު ވަނީ ޑިލީޓުކޮށްލާފަ އެވެ.
ފުލުހުން ބުނީ އެފަދަ ކަމެއް ހިނގިތޯ އެ ސަރަހައްދުގެ ކެމެރާތަކާއި، މަންޒަރު ފެނުނު މީހަކު ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި އެފަދަ އަނިޔާއަކަށް ފަރުވާ ހޯދިތޯ ހޮސްޕިޓަލުން ވެސް ސާފުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިފަދަ ހާދިސާއެއް ހިނގިކަމުގެ މައުލޫމާތެއް ލިބިފައިވާނަަމަ 3322111 ނަންބަރު ފޯނަށް ގުޅައި އެކަން ރިޕޯޓުކުރުމަށް އެދޭކަމަށެވެ.
މި ދުވަސްވަރަކީ މާލެއާއި އައްޑޫ ސިޓީގައި ސިލްސިލާ މާރާމާރީތަކެއް ހިނގަމުން އަންނަ ދުވަސްކޮޅެކެވެ. މި މައްސަލަތަކާ ގުޅިގެން މާލެ އާއި އައްޑޫގައި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފަ އެވެ.













