ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކަކީ ދެފުށް ފެންނަ ގޮތަށް ބާއްވާ އިންތިހާބުތަކަށް ވާންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ދިމާވާ އެކި ކަންކަމާމެދު އާންމުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެތެރޭގެ އިންތިހާބުތަކުގައި ވެސް ކެންޑިޑޭޓުންނާއި ވޯޓުލާމީހުންގެ ހައްގުތައް ރައްކާތެރިކުރަންޖެހޭނެ ކަމަށެވެ.
ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކާއި ޕްރައިމަރީތަކުގެ ވޯޓުލުމުގެ ނިޒާމަކީ ވީހާވެސް ހާމަކަން ބޮޑު އަދި އާންމުން އެއާމެދު އިތުބާރު އޮތް ނިޒާމަކަށްވާންޖެހޭ ކަމަށް ހަބީބު ވިދާޅުވި އެވެ. ނޫނީ، އެފަދަ އިންތިހާބުތައް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކެންޑިޑޭޓުންނާއި ވޯޓުލާމީހުންގެ ހައްގުތައް ރައްކާތެރިވާނެ ގޮތަކަށް އެކަންކަން ކުރަންޖެހޭނީ ޕާޓީތަކުން. އެކަން އެގޮތަށް ގެންދަން އަޅުގަނޑުމެން އިލްތިމާސް ކުރަނީ. ދެފުށް ފެންނަ ގޮތަށް މޮނިޓަރުންނަށްވެސް އޮބްޒާވަރުންނަށްވެސް މޮނިޓާކޮށް އޮބްޒާވް ކުރެވޭ ގޮތަށް އޮންނަންވާނީ،" އޭނާ ވިދާޅުވި އެވެ.
މިދުވަސްވަރު ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ވާދަވެރި އިންތިހާބުތައް ބާއްވަމުންދާއިރު ދާދި ފަހުން ބޭއްވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބާމެދު ޕާޓީގެ އާންމު މެމްބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހަބީބު ވިދާޅުވީ ރާއްޖޭގެ އިންތިހާބީ ނިޒާމު މިހާރު އޮތީ ވަރަށް ބޮޑަށް ހާމަކޮށް ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބުން ވެސް އެކަން ހާމަވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އިލްތިމާސަކީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބު ބޭއްވިޔަސް ޕްރައިމަރީ ބޭއްވިޔަސް ރާއްޖޭގެ މި އޮންނަ އިންތިހާބީ ނިޒާމާ އެއްގޮތަށް ވީހާވެސް ހާމަކަން ބޮޑުކޮށް ދެފުށް ފެންނަ ގޮތައް ބާއްވަން. އެއީ ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް އެކަންކަމަށް ސަމާލުކަން ދިނުމަށް ޕާޓީތަކަށް އިލްތިމާސް ކުރަން،" ހަބީބު ވިދާޅުވި އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ޕާޓީތަކުން ޕްރައިމަރީތައް ބާއްވާއިރު އެ އިންތިހާބުތަކަކީ ވީހާވެސް ހާމަކަން ބޮޑުކޮށް ދެފުށް ފެންނަ އިންތިހާބުތަކަށް ހެދުމަށް އިލެކްޝަނުން އިލްތިމާސް ކުރާ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.













