އައްޑޫގައި ކުރިއަށްދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން އިއްޔެ ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމާއެކު, ޖުމްލަ ބަންދުކުރި މީހުންގެ އަދަދު 11 އަށް އަރައިފި އެވެ.
މާރާމާރީތަމާ ގުޅިގެން އިއްޔެ ހައްޔަރުކުރީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.
ދުވަސްތަކަކަށްފަހު އައްޑޫގައި އަނެއްކާވެސް ގޭންގު މާރާމާރީތައް އިތުރުވެފައިވާއިރު، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހައްޔަރުކުރީ ޖުމްލަ 12 މީހުންނެވެ. އޭގެ ތެރެއިން އެކަކު ބަންދުން ދޫކޮށްލާފައި ވާއިރު, ދެން ތިބި 11 މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި، 19 އަހަރުގެ ދެ މީހުންނާއި، 20 އަހަރުގެ ތިން މީހުންނާއި، 21 އަހަރުގެ މީހަކާއި 23 އަހަރުގެ ތިން މީހުންނެވެ. އަދި މިއަދު ބަންދުކުރި 19 އަހަރުގެ މީހާ އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އެ އަތޮޅުގައި ވަނީ މާރާމާރީ ހިންގައި ދެ މީހަކު ވަރަށް ބޮޑަށް ޒަހަމު ކޮށްލައިފަ އެވެ. އޭގެތެރެއިން މިދިޔަ އާދީއްތަ ދުވަހު ޒަހަމުކޮށްލި 20 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސްވެ، އަންނަނީ މާލެއަށް ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އައްޑޫގެ ގޭންގު މާރާމާރީތަކާ ގުޅިގެން އެ އަތޮޅުގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސްގެ ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން އިއްޔެ ވެސް ވަނީ އައްޑޫގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގައިފަ އެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން ފުލުހުން ވަނީ ގޭންގުތައް އެއްވެ އުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށް މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް ހޯދައިފަ އެވެ.
މީގެ ކުރިން ވެސް ވަނީ އައްޑޫގެ ދެ ގޭންގެއްގެ ދެމެދުގައި ހިންގި ސިލްސިލާ މާރާމާރީތަކެއްގައި މިދިޔަ އަހަރުގެ ޖޫން މަހު އައްޑޫގައި ވަނީ 21 އަހަރުގެ ޒުވާނެއް މަރާލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތްތައް އަދިވެސް ދަނީ ކުރިއަށެވެ.













