އައްޑޫއަށް ނިސްބަތްވާ ދެ ގޭންގެއްގެ ދެމެދުގައި ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން މިހާތަނަށް ހައްޔަރު ކުރި 11 މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައި ވާކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އެ މީހާ ދޫކޮށްލާފައި ވަނީ ހައްޔަރު ކޮށްފައި އިތުރަށް ބަހައްޓަން ޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ.
ދުވަސްތަކަކަށްފަހު އައްޑޫގައި އަނެއްކާވެސް ގޭންގު މާރާމާރީތައް އިތުރުވެފައިވާއިރު، މިދިޔަ ހަފުތާގެ ތެރޭގައި އެ އަތޮޅުގައި ވަނީ މާރާމާރީ ހިންގައި ދެ މީހަކު ވަރަށް ބޮޑަށް ޒަހަމު ކޮށްލައިފަ އެވެ. އޭގެތެރެއިން މިދިޔަ އާދީއްތަ ދުވަހު ޒަހަމުކޮށްލި 20 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސްވެ، އަންނަނީ މާލެއަށް ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެ މާރާމާރީތަކާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރެއިން ބަންދުގައި ތިބީ 18 އަހަރުގެ މީހަކާއި، 19 އަހަރުގެ ދެ މީހުންނާއި، 20 އަހަރުގެ ތިން މީހުންނާއި، 21 އަހަރުގެ މީހަކާއި 23 އަހަރުގެ ތިން މީހުންނެވެ.
އައްޑޫގެ ގޭންގު މާރާމާރީތަކާ ގުޅިގެން އެ އަތޮޅުގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސްގެ ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން އިއްޔެ ވެސް ވަނީ އައްޑޫގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގައިފަ އެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން ފުލުހުން ވަނީ ގޭންގުތައް އެއްވެ އުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށް މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް ހޯދައިފަ އެވެ.
މީގެ ކުރިން ވެސް ވަނީ އައްޑޫގެ ދެ ގޭންގެއްގެ ދެމެދުގައި ހިންގި ސިލްސިލާ މާރާމާރީތަކެއްގައި މިދިޔަ އަހަރުގެ ޖޫން މަހު އައްޑޫގައި ވަނީ 21 އަހަރުގެ ޒުވާނެއް މަރާލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތްތައް އަދިވެސް ދަނީ ކުރިއަށެވެ.













