ރޭ ހިޔާ ފްލެޓެއްގައި ހިނގި މާރާމާރީއަކީ އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށާއި, އެ މައްސަލާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ހިޔާގެ ހަ ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި ހިނގި އެ މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ, މި ހާދިސާގައި އަނިޔާވި 22 އަހަރުގެ މީހާއަށް ހަމަލާ ދީފައި ވަނީ އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މި ފަހަކަށް އައިސް މާލެ އާއި އައްޑޫގައި މާރާމާރީތަކާއި ގޭންގު ހަމަނުޖެހުންތައް ވަނީ އިތުރުވެފަ އެވެ. އެކަމާ ގުޅިގެން މާލޭގައި އަދި އައްޑޫއަށް ހާއްސަ ޓީމުތައް ފޮނުވައިގެން އޮޕަރޭޝަނެއް ވެސް ވަނީ ފަށާފަ އެވެ.

މާރާމާރީއާ ގުޅިގެން މާލެއިންނާއި އައްޑޫއިން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، އައްޑޫއިން މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރި ހަތިޔާރުތަކެއް ވެސް ވަނީ އަތުލައިގެންފަ އެވެ.
ފުލުހުން ބުނީ ގޭންގުތަކުން އެއްވެ ހަރަކާތްތެރިވާ ތަންތަން ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.












