ހިޔާގެ ފްލެޓެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ ހަމަލާގައި ޒަހަމްވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ޒަހަމްކޮށްލާފައި ވަނީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެ ހާދިސާގެ ރިޕޯޓު ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ނަމަވެސް މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.
މި ފަހަކަށް އައިސް މާލެ އާއި އައްޑޫގައި މާރާމާރީތަކާއި ގޭންގު ހަމަނުޖެހުންތައް ވަނީ އިތުރުވެފަ އެވެ. އެކަމާ ގުޅިގެން މާލޭގައި އަދި އައްޑޫއަށް ހާއްސަ ޓީމުތައް ފޮނުވައިގެން އޮޕަރޭޝަނެއް ވެސް ވަނީ ފަށާފަ އެވެ.

މާރާމާރީއާ ގުޅިގެން މާލެއިންނާއި އައްޑޫއިން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، އައްޑޫއިން މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރި ހަތިޔާރުތަކެއް ވެސް ވަނީ އަތުލައިގެންފަ އެވެ.
ފުލުހުން ބުނީ ގޭންގުތަކުން އެއްވެ ހަރަކާތްތެރިވާ ތަންތަން ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.













