އައްޑޫ ހިތަދޫގައި ދެ ގުރޫޕެއްގެ ދެ މެދުގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތަކުގެ ތެރެއިން، އިއްޔެ ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމުކޮށްލި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 22 އަހަރާއި 23 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އެ ދެ މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.
އިއްޔެގެ މާރާމާރީގައި ޒަހަމުކޮށްލާފައި ވަނީ 20 އަހަރުގެ ޒުވާނެކެވެ. އެ ޒުވާނާއަށް ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ މާރާމާރީ ހިންގާފައި ވަނީ ހަމަނުޖެހުންތަކާ ގުޅިގެން ސަލާމަތީ ކަންކަން އައްޑޫއާއި މާލޭގައި ވަރުގަދަ ކޮށްފައި ވާކަމަށް ފުލުހުން ބުނިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.
އައްޑޫ ހިތަދޫގެ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގަމުން އަންނަ ސިލްސިލާ މާރާމާރީތައް ދުވަސްގަނޑެއް ވަންދެން ހުއްޓިފައި އޮތުމަށްފަހު ފުރަތަމަ މާރާމާރީ ހިންގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މާރާމާރީގައި 30 އަހަރުގެ ޒުވާނެއް ޒަހަމުކޮށްލާފައިވެ އެވެ. އެ ޒުވާނާ ވަނީ އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފަ އެވެ.
މީގެ ކުރިން ވެސް ވަނީ އައްޑޫގައި ދެ ގުރޫޕުގެ ދެމެދުގައި ހިންގި ސިލްސިލާ މާރާމާރީތަކެއްގައި މިދިޔަ އަހަރުގެ ޖޫން މަހު އައްޑޫގައި ވަނީ 21 އަހަރުގެ ޒުވާނެއް މަރާލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތްތައް އަދި ނުނިމެ އެވެ.














