އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރަން ދެ ގައުމުން މަޝްވަރާކޮށްފި އެވެ.
ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު އިންޑިއާ ހައި ކޮމިޝަނުން ބުނީ އެ ދެ ބޭފުޅުން ކުރެއްވީ ހިތްހެޔޮ، ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށެވެ.
މަޝްވަރާކުރެއްވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ދޭދޭ ގުޅުމާއި ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭ ގޮތުން ކަމަށް ވެސް އިންޑިއާގެ ހައިކޮމިޝަނުން ބުންޏެވެ.
ގައްސާނާއި މުނޫ މަހާވަރުގެ ބައްދަލުވުމަށް ފަހު ޑިފެންސް މިނިސްޓްރީން ބުނީ އިންޑިއާގެ ސަފީރު ޑިފެންސް މިނިސްޓަރު އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވި ކަމަށާއި އެ ޒިޔާރަތުގައި ކުރެއްވި މަޝްވަރާތަކުގެ އަމާޒަކީ ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ދިފާއީ އެއްބާރުލުން ކަމަށެވެ.
ދިފާއީ އަދި ސަލާމަތީ އެއްބާރުލުމާ ބެހޭ ގޮތުން ޑިފެންސް މިނިސްޓަރާއި އިންޑިއާ ސަފީރު މަޝްވަރާކުރައްވާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށެވެ. އިންޑިއާއިން ދިން ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓު ކުރަން އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބީ ދިފާއީ އެއްބަސްވުމެއްގެ ދަށުންނެވެ.














