އައްޑޫ ހިތަދޫގައި އިއްޔެރޭ ހިންގި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެކްސްގައި ލިއުއްވި ލިއުމެއްގައި ވިދާޅުވީ މާރާމާރީގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މާރާމާރީގައި ޒަހަމްކޮށްލާފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށެެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އޭނާގެ ހާލު ސީރިއަސް އެވެ.
އެނގިފައިވާ ގޮތުގައި ހިތަދޫގައި އިއްޔެރޭ ހިނގި މާރާމާރީގައި ދެ ގްރޫޕުގެ ދެމެދު ކުރިމަތިލުމެއް ހިނގި އިރު ދެ ގްރޫޕުން ވެސް ތިބީ ތޫނު ހަތިޔާރު ހިފައިގެންނެވެ. އެ މާރާމާރީގައި ޒަހަމްވީ މީހާގެ ނިންކުރިން ވަރަށް ފުންކޮށް ޒަހަމްކޮށްލާފައި ވާއިރު ގައިގެ އެހެން ތަންތަން ވެސް ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.
އެ މާރާމާރީއާ ގުޅިގެން މާލެ އަދި އައްޑޫ ސިޓީގައި ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އައްޑޫ ސިޓީގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކާ މާލެއިން ފުލުހުންގެ ޓީމުތައް އައްޑޫއަށް ފޮނުވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.












