ޓޫރިޒަމް ދާއިރާއަށް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ކުރައްވަމުން ގެންދަވާ އިހްލާސްތެރި ހިދުމަތުގެ އަގުވަޒަންކޮށް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް(ސާޓާ)އިން އެވޯޑު ދީފި އެވެ.
މި އަހަރުގެ ސާޓާ އެވޯޑު ހަފްލާ ބޭއްވީ މިދިޔަ އޮކްޓޯބަރު މަހު އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޝެރެޓަން ގްރޭންޑް ހޮޓެލްގައެވެ. ނަމަވެސް އެ ހަފްލާއަށް އެމްޔޫ މަނިކަށް ވަޑައިނުގެންނެވުމުން ސަޓާ އިން ވަނީ އިއްޔެ ކުރުނބާ މޯލްޑިވްސްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައި މަނިކަށް ލިބުނު އެވޯޑް ހަވާލުކޮށްފަ އެވެ.
ކުރުނބާ މޯލްޑިވްސްގައި މި ހަފުލާ ބޭއްވި އިރު އެ ރިސޯޓަކީ ރާއްޖޭގައި ހެދި ފުރަތަމަ ރިސޯޓެވެ. ވިހަމަނާފުށި ނަމުގައި ފެށި އެ ރިސޯޓު ހުޅުވީ އެމްޔޫ މަނިކު ކޯ-ފައުންޑާއެއް ގޮތުގައި ހުންނަވައިގެންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަނިކު ވިދާޅުވީ ސާޓާއިން އޭނާގެ ހިދުމަތުގެ އަގު ވަޒަންކޮށް އެވޯޑު ދިނުމުން އުފާކުރައްވާ ކަމަށެވެ. ޓޫރިޒަމް އިންޑަސްޓްރީއަށް 51 އަހަރު ފުރިފައިވާއިރު އިންޑަސްޓްރީ މިހާ ކުރިއަރާފައިވަނީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި އޭނާގެ އުއްމީދަކީ ޓޫރިޒަމް ދާއިރާ ވީހާވެސް ބޮޑަށް ކުރިއަރައިގެން ދިއުން ކަމަށް ވިދާޅުވި އެވެ.
"ސާޓާ އަކީ ސައުތު އޭޝިއާގެ އޯގަނައިޒޭޝަނަކުން ހިންގާ ހަރަކާތެއް. މީ ކުރިން އެއްގޮތަކަށް ވެސް ސައުތު އޭޝިއާގެ މީހުންނަކީ މާބޮޑަކަށް ފެނިފައި އޮތް ބައެއް ނޫން އެވޯޑު ދިނުމުގަ، މިކަހަލަ ކަންތަކަށް ކޮންޓްރިބިއުޓްކުރި ބައެެއްގެ ގޮތުގަ. އެހެންވީމަ އަޅުގަނޑަށް މިވަރު އެއްޗެއް ލިބުނީމަ ފަހުރުވެރިވޭ" މަނިކު ވިދާޅުވި އެވެ.


ސާޓާ އެވޯޑް ހަވާލުކުރަން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޔޫ މަނިކު ވާހަކަ ދައްކަވަނީ --- ފޮޓޯ: ސާޓާ
އެމްޔޫ މަނިކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަސައްވުރު ބައްޓަންކޮށް ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ދެމެހެއްޓެނިވި އަޒުމާއި، އުފެއްދުންތެރި ހިދުމަތްތަކާއި، ދާއިރާއަށް ކެނޑިނޭޅި ކުރައްވާ މަސައްކަތްތަކުގެ ސަބަބުން ދާއިރާ ކުރިއެރުވުމަށް މަގުފަހިވެ ދާއިރާގެ ކުރިއެރުމުގައި ބެންޗް މާކެއް ވަނީ ގާއިމުކުރެވިފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމުގައި އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކޮށް ސާޓާއިން ވަނީ އެމްޔޫ މަނިކަށް ޝުކުރު އަދާކޮށްފަ އެވެ.
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްއަކީ، ދެކުނު އޭޝިޔާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިއަހަރުގެ އެވޯޑްގައި ރާއްޖޭގެ ޕްރޮޕަޓީތަކުން ވަނީ 31 އެވޯޑެއް ހާސިލްކޮށްފައެވެ. މީގެތެރޭގައި 14 ގޯލްޑް އެވޯޑާއި، 17 ސިލްވަރ އެވޯޑް ހިމެނެއެވެ.
މިއީ ސާޓާ އެވޯޑް ބޭއްވި 7 ވަނަ އަހަރެވެ. މިއަހަރުގެ ސާޓާ އެވޯޑަށް ދެކުނު އޭޝިއާގެ ހަ ގައުމަކުން ވާދަކުރިއެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަޓާއިން ކުރަމުންދާ މަސައްކަތަށް ބައިނަލްއަގުވާމީ، އަދި ސަރުކާރުގެ 15 އަށްވުރެ ގިނަ އިދާރާތަކުން ވަނީ ތާއީދުކޮށްފައެވެ.












