މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ކާރަކާއި ތިން ސައިކަލު ޖެހި، ހަތަރު މީހަކަށް އަނިޔާވި އެކްސިޑެންޓުގެ މައްސަލާގައި ކާރު ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރީ 30 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ހަތް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގާފައި ވަނީ ސެންޓްރަލް ޕާކު ކައިރިންނެވެ. އަދި, އެއް ސައިކަލު އޮތީ ކާރުގެ ދަށުވެފަ އެވެ. އަނިޔާ ލިބުނު މީހުންގެ ތެރެއިން އެކަކު ސްޓްރެޗަރަކަށް ލައިގެން ގޮސް އެމްބިއުލާންސަށް އަރުވަން ގެންދާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.
އަނިޔާ ލިބުނީ އެކްސިޑެންޓުވި ތިން ސައިކަލުގެ ތެރެއިން ދެ ސައިކަލެއްގައި ތިބި މީހުންނަށެވެ. އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ.
އޭގެ ތެރެއިން ފިރިހެނަކާއި އަންހެނެއްގެ ހާލު ސީރިއަސް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ކުރިން ބުނެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލް ނުވެ ސައިކަލްތަކުގައި ޖެހިގެންނެވެ.













