މިސްކިތު ފަންޑު އިތުރުކޮށް ދިރުވުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ދެވަނަ ވަގުފު އިމާރާތެއް އެޅުމަށް ނިންމައި އެތަނުގެ ބިންގާ އަންނަ ޖެނުއަރީ މަހު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެވަނަ ވަގުފު އިމާރާތެއް އެޅުމަށް ނިންމާފައި ވަނީ މިސްކިތު ފަންޑު ތަރައްގީކޮށް ވަގުފު އިމާރާތްތައް އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ރިޔާސީ ވައުދުގެ ދަށުން ކަމަށެެވެ.
މިހާރު ގާއިމު ކޮށްފައިވާ ވަގުފު އިމާރާތް، ދާރުލްއީމާން އިން ކޮންމެ އަހަރަކު ހަ މިލިއަނެއްހައި ދިވެހި ރުފިޔާ މިސްކިތު ފަންޑަށް ވަންނަ ކަމަށް ވެސް ޝަހީމް ވިދާޅުވެފައިވެ އެވެ. މިސްކިތު ފަންޑަށް ލިބޭ ފައިސާ ބޭނުން ކުރަނީ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުން ފަދަ ކަންކަމަށެވެ.
ރާއްޖޭގައި ފުރަތަމަ އިމަރާތް ކުރި ވަގުފު ބިލްޑިން، ދާރުލްއީމާންއަކީ ބޭރުގެ ބައެއް ފަރާތްތަކުގެ ދީލަތި އެހީއާއެކު 23 މިލިއަން ޑޮރަލު ހަރަދުކޮށްގެން 2017 ވަނަ އަހަރު އިމާރާތްކުރި ތަނެކެވެ. މާފަންނު މަދަރުސާއާ އިން ވެގެން ހުންނަ، އެ އިމާރާތް ކުއްޔަށް ދީގެން ލިބޭ ފައިސާ ހަރަދު ކުރަމުން ދަނީ މިސްކިތްތަކަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ވަގުފު އިމާރާތްތަކެއް އެޅުމުގެ ވާހަކަތަކެއް އޭރު ދެކެވުނެވެ. އެ ވާހަކަތަކުގައި އަމަލީ ސިފަ ނުޖެހި އުޅެނިކޮށް ނިމިދިޔަ ސަރުކާރުން ވަނީ ވަގުފު އިމާރާތްތަކެއް އެޅުމަށް ހުޅުމާލެއިން ދެ ސަރަހައްދެއް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ.

އެ މަސައްކަތުގެ ދަށުން ހުޅުމާލެއިން 20،000 އަކަފޫޓުގެ ދެ ބިން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް 2021 ވަނަ އަހަރު އޭރުގެ އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރު ވިދާޅުވެފައިވެ އެވެ. އެ ބިންތަކުގައި އަޅަން އުޅުނު އިމާރާތްތަކުން ލިބޭ ފައިސާ ހަރަދު ކުރުމަށް އޭރު ވާހަކަ ދެކެވުނީ ދީނީ ކަންކަން ކުރިއެރުވުމަށާއި ގުރުއާނުގެ އިލްމު ފުޅާ ކުރުމަށެވެ.
މިސްކިތު ފަންޑު ދިރުވުމަށްޓަކައި އިތުރު ވަގުފު އިމާރާތެއް އެޅުމަށް އައު ސަރުކާރުން ނިންމާފައިވާއިރު، އެ އިމާރާތުން ފައިދާ ވާން ފެށުމުން މިސްކިތްތަކަށް ދައުލަތުން ކުރަންޖެހޭ ހަރަދު އެތައް ގުނައަކުން ކުޑަ ވެގެންދާނެ އެވެ.












