ޕީޕީއެމްގެ އިސް ލީޑަޝިޕު އެކަހެރިކޮށް، އެ ޕާޓީ "ހިންގަން" 13 މެމްބަރުންގެ ކޮމިޓީއެއް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އެކުލަވާލައިފި އެވެ.
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލާއި ކުރީގެ ކޮޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާ އިސްވެ ހުންނަވާ ގޮތަށް އުފައްދާފައިވާ އެ ކޮމިޓީން ރޭ ވަނީ ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ އެންމެ ބޮޑު ސިޔާސީ ހަރަކާތްތަކަމަކީ މިކަމުގައި ބަދަހިކަން އޮންނަންޖެހޭ ކަމަށެވެ. އާ ސަރުކާރު އުފެދުނު ފަހުން ކޯލިޝަންގައި އުދާސްތަކެއް އުފެދިފައިވާކަން ފާހަގަ ކުރެއްވުމަށް ފަހު މަލީހު ވިދާޅުވީ 13 މެމްބަރުންގެ ކޮމިޓީއެއް އެފެއްދެވީ އެކަމަށް ހައްލު ގެނައުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީއަށް ވަރަށް ގިނަ އާންމުންނަށް ގުޅުމަށް ތަންކޮޅެއް ދަތިވެފައިވާ ކަމަށް މިވަނީ. އެހެން ރައީސް ޔާމީން މިވަނީ 13 ފޯކަލް ޕޮއިންޓު އުފައްދާފައި،" މަލީހު ވިދާޅުވި އެވެ.
ޕާޓީގެ އެއްވެސް ކަމެއްގައި ގުޅުއްވަން ބޭނުންވާނަމަ އާންމު މެމްބަރުން އެ ބޭފުޅުންނަށް ގުޅުއްވުމަށް އެދިވަޑައިގެންނެވި އެވެ.

"ޕީޕީއެމްގެ މުޅިން އާ ޒަމާނަށް މަސައްކަތް މި ފަށައިގަތީ،" މަލީހު ވިދާޅުވި އެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދިވެހިން ވޯޓު ދިނީ ޔާމީން މިނިވަން ކުރުމަށް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ލީޑަރަކީ ޔާމީން ކަމަށާއި މި ކޯލިޝަންގެ މަސައްކަތް ކުރިއަށް ގެންދާނީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށެވެ.
ޕީޕީއެމް/ޕީއެންސީ ބައިބައި ނުވެ ބަދަހިކޮށް ކުރިއަށް ގެންދިޔުމަށް ވެސް މަލީހު އިލްތިމާސް ކުރެއްވި އެވެ.
މި އާ ކޮމިޓީއާއެކު ޕާޓީގެ މަސައްކަތް ހަލުއިވެ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވި ބޭފުޅުން އެ ބައްދަލުވުން ފެށްޓެވީ ކޮން ހައިސިއްުޔަތަކުންތޯ "އަދަދު" އިން ސުވާލުކުރުމުން މަލީހު ސާފު ޖަވާބެއް ނުދެއްވަ އެވެ.
އޭގެ ފަހުން އެހެން ނޫސްވެރިއަކު ހަމަ އެ ސުވާލު ތަކުރާރުކުރުމުން އައްބާސް ވިދާޅުވީ ބައްދަލުވުން ބާއްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެންގެވި ސްޓިއަރިން ކޮމިޓީއަކުން ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމް އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސް ބޭފުޅަކީ ޔާމީން ކަމަށެވެ.
"އެެމަނިކުފާނަށް ލިބިވަޑައިގެންވާ އިހުތިޔާރެއް އެއީ ޑޭޓުޑޭ ރަންކުރުން [ދުވަހުން ދުވަހަށް ހިންގުން]. މިވަގުތު ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ހީނާ ވަނީ ސްޕޯކްސްޕާސަން ކަމުން އިސްތިއުފާދެއްވާފައި. އަދި ސެކްރެޓަރީ ޖެނެރަލް [މުހައްމަދު ތޮލާލް] މިވަނީ ޑޭޓުޑޭ ޕާޓީ ހިންގުމުން އުޒުރުވެރިވެވަޑައިގެންފައި،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ދުވަހުން ދުވަހަށް ޕާޓީ ހިންގުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ސެކްރެޓަރީ ޖެނެރަލް އެންގެވީ ޔާމީނަށް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ސްޕޯޓްސް ކޮމިޝަނަރަކަށް އައްޔަން ކުރައްވާފައިވަނީ ތޮލާލު އެވެ.
އެ މަގާމަށް އޭނާ އައްޔަން ކުރައްވާތީވެ، ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ޔާމީން ގެންގެވި އެވެ.
"އެހެންވީމާ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު މިވަނީ ވަގުތީ ގޮތުން ސްޓިއަރިން ކޮމިޓީއެއް އެކުލަވައިލައްވާފައި، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ، ޕާޓީގެ އަސާސީ ގަވައިދުން ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެކޮމިޓީގެ މެމްބަރުންގެ ތެރެއިން ބައެެއް ބޭފުޅުންނެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ފޮޓޯ

ސަރުކާރުގެ އިސް ބައެއް މަގާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އައްުޔަން ކުރެއްވި ބޭފުޅުން. -- ފޮޓޯ: ރައީސް އޮފީސް












