ސަރުކާރުގެ ހަރަދުތައް މެނޭޖުކުރުމަށް ބޭނުންވާ ފައިސާ ނުހޯދިއްޖެ ހާލަތެއްގައި މިހާރު ކުރިއަށްދާ ޕީއެސްއައިޕީގެ ބައެއް ޕްރޮޖެކްޓުތައް މަޑުޖައްސާލައި ނުފަށައި ހުރި ބައެއް ޕްރޮޖެކްޓުތައް ރީޝެޑިއުލް ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވަމުން ޝަފީގު ވަނީ ބަޖެޓު ސަޕޯޓަށް ބޭނުންވާ ފައިސާ ނުލިބިއްޖެ ހާލަތެއްގައި ސަރުކާރުން އަމަލުކުރަން ނިންމާފައިވާ ބައެއް ގޮތްތައް ހާމަކުރައްވާފަ އެވެ.
އެގޮތުން, އެ ފައިސާ ހޯދުމަށް ސަރުކާރުގެ އަމާޒުހުރީ މެދުއިރުމަތީގެ ގައުމުތަކުން ކަމަށް ޝަފީގު ފާހަގަކުރެއްވި އެވެ.
"ނުލިބިއްޖެ ހާލަތެއްގައި, މިހާރު ކުރިއަށްދާ ޕީއެސްއައިޕީގެ 1780 ޕްރޮޖެކްޓު އެބަހުރި. އަދި އަލަށް ފަށަން 317 ޕްރޮޖެކްޓު. މިހާރު ވެސް އެ ޕްރޮޖެކްޓުތައް ރިވިއު ކުރަން ފަށާފައިވާނީ. އޭގެތެރެއިން ހާލަތަށް ބަލާފައި އެންމެ މުހިންމު ޕްރޮޖެކްޓުތައް ކުރިއަށްދާނީ," މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވި އެވެ.
މި ހާލަތުގައި އެ ޕްރޮޖެކްޓުތައް އިތުރަށް ކުރިއަށް ގެންދިޔުމާ މެދު ވަރަށް ބޮޑަށް ވިސްނަން މަޖުބޫރުވެފައިވާ ކަމަށާއި އޭގެ ތެރެއިން ކޮންމެހެން ކުރިއަށްގެންދަން ނުޖެހޭ ޕްރޮޖެކްޓުތައް ވަކި ޓައިމްލައިނަކަށް ފައްތައިގެން ރީޝެޑިއުލް ކުރަން ޖެހުން ވެސް އެކަށީގެންވާ ކަމަށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޝަފީގު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާނަން އޭގެ ތެރެއިން ނުފެށި ހުރި ޕްރޮޖެކްޓުތައް, ނުފަށާ ކުރިއަށްދެވިދާނެ ޕްރޮޖެކްޓެއް ވިއްޔާ ދެވަނަ ވިސްނުމަކަށް ދިޔުމަށްޓަކައި އަދި ހަރަދު ކުޑަ ކުރެވޭނެ ހުރިހާ އޭންގަލަކުން މަޝްވަރާ ކުރަމުންދަނީ," އޭނާ ވިދާޅުވި އެވެ.
ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ ނުލިބިއްޖެ ހާލަތެއްގައި ހަރަދުތައް ހަމަޖައްސަން އެ ހަރަދުތައް ކުޑަ ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
ހުލާސާކޮށް ބަޖެޓު
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން ދަރަންޏާއި ލޯނު އަދާކުރަން ދައްކާ ފައިސާ އުނިކުރުމަށް ފަހު، ބަޖެޓުގެ ޖުމުލަ ހަރަދަކީ 47.3 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ރިކަރަންޓު ހަރަދަށް 34.8 ބިލިއަން ރުފިޔާ ހޭދަވާއިރު، ޕީއެސްއައިޕީ އަށް 8.6 ބިލިއަން ރުފިޔާ އަދި އެހެނިހެން ކެޕިޓަލް ހަރަދަށް 6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ.
މައިގަނޑު ހަރަދުތައް:
- ސިއްހީ ދާއިރާ: 7.4 ބިލިއަން ރުފިޔާ
- ތައުލީމީ ދާއިރާ: 5.3 ބިލިއަން ރުފިޔާ
- އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް: 8.9 ބިލިއަން ރުފިޔާ
- ގެދޮރު އިމާރާތް ކުރުމާއި ޖަމާއަތުގެ ފައިދާއަށް: 4.5 ބިލިއަން ރުފިޔާ
- އިޖުތިމާއީ ރައްކާތެރިކަން: 3.5 ބިލިއަން ރުފިޔާ
- ތިމާވެށި ރައްކާތެރި ކުރަން: 1.8 ބިލިއަން ރުފިޔާ
- ދިފާއީ، އަދުލް އިންސާފު އަދި އަމަން ގާއިމުކުރަން: 5.6 ބިލިއަން ރުފިޔާ
އަންނަ އަހަރު ވެސް ކުރާ ހަރަދު ފޫބެއްދޭނެ އާމްދަނީއެއް ނުލިބެ އެވެ.
ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި އަންނަ އަހަރު ޖުމުލަ 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު، 25.6 ބިލިއަން ރުފިޔާއަކީ ޓެކުހުގެ އާމްދަނީ އެވެ. އެހެނިހެން އާމްދަނީގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލާއިރު، ހިލޭ އެހީގައި ލިބޭނެ ކަމަށް ފޮތުގައި ލިޔެފައި އޮތީ 1.3 ބިލިއަން ރުފިޔާ އެވެ.













