ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފި އެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ރައީސް މުއިއްޒު ސްރީލަންކާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
އެގޮތުން ތައުލީމީ ދާއިރާއާ ގުޅޭ ގޮތުންނާއި 18 އަހަރުން ދަށުގެ ދަރިވަރުންނަށް ވިސާ ލިބުމުގައި ލުއިފަސޭހަ ގޮތްތައް ހަމަޖެއްސުމާ ގުޅޭ ގޮތުންނާއި އިގުތިސާދު އާރާސްތުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭހެން ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

ލަންކާގެ ރައީސް ވަނީ ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގަތުމަށް ދައުވަތު ވެސް އަރުއްވައިފަ އެވެ. އެ ދައުވަތު މުއިއްޒު ގަބޫލު ވެސް ކުރެއްވި އެވެ.
ތުރުކީގެ މިނިސްޓަ އޮފް ކަލްޗަ އެންޑް ޓޫރިޒަމްއާ ރައީސް މުއިއްޒު ރޭ ބައްދަލު ކުރެއްވި އެވެ. އަދި ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންގެ ޝަރަފުގައި ބޭއްވި ހާއްސަ ބައްދަލުކުރެއްވުން އޮތީ ކުރުނބާ މޯލްޑިވްސްގަ އެވެ.












