އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އަލީ ނަޝާތު އައްޔަންކޮށްފި އެވެ.
އއ. ފެރިދޫ، ހާލި، އަލީ ނަޝާތަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ މިއަދު އެ ކަމަށް ޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ރައީސް ސޯލިހުގެ ކުރިފުޅުމަތީ ނަޝާތު ވަނީ މަގާމުގެ ހުވާ ވެސް ކުރައްވައިފަ އެވެ. ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒުމިރަލްދާ ޒާހިރެވެ.
ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވާފައިވަނީ މި އަހަރުގެ މެއި 29, ގަ އެވެ.
އެހެން ނަމަވެސް, މައްސަލައާ މެދު ވަކި ގޮތެއް ނުނިންމާ ޖޫން މަހު މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފަ އެވެ. އެހެން ކަމުން ކޮމެޓީ މަރުހަލާގައި މި މައްސަލަ ހަތަރު މަސްވަންދެން މަޑު ޖެހިފައި އޮތެވެ.

ނަޝާތު އެންމެ ފުރަތަމަ އީސީއަށް އައްޔަންކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 25، 2018 ގައެވެ. އޭނާގެ ދައުރު ހަމަވީ މިއަހަރުގެ ޖުލައި 25 އަށެވެ.
ނަޝާތު ދެވަނަ ދައުރަކަށް އެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ އިއްޔެ އެވެ.












