ޕޮލިސް ކޮމިޝަނަރުގެ މަގާމުން މުހައްމަދު ހަމީދު އިއްޔެ ރިޓަޔާ ކުރެއްވުމުން، އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް، މިހާރު ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މަންނާން ޔޫސުފްއާ ހަމަޖައްސައިފި އެވެ.
މަންނާން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ މީގެ 29 އަހަރު ކުރިންނެވެ.
އިންޑިއަން ނޭޝަނަލް ޕޮލިސް އެކަޑަމީއިން ތައުލީމް ހާސިލް ކުރެއްވުމަށް ފަހު މަންނާނު ވަނީ އިނގިރޭސި ވިލާތުން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.
އޭނާއަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން އަދި ޔޫތު ކްރިމިނަލް ޖަސްޓިސްގެ ދާއިރާގައި މިވަގުތު އެންމެ ތަޖުރިބާކާރު އެއް އިންވެސްޓިގޭޓަރެވެ.
ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު ދެން އައްޔަން ކުރައްވާނީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.














