ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އޮފީހަށް ފުލުހުން ވަދެ ބަލާ ފާސްކުރަމުންދަނީ އެކުންފުނީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި ޕެޓީ ކޭޝްގެ މައްސަލާގައި ކަން އެނގިއްޖެ އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އާރުޑީސީ އަށް ވަނީ މިއަދު ހެނދުނު އެވެ. ފުލުހުންނާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޓީމެއް ވެސް އާރުޑީސީގެ ތެރޭގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ކޮންމެ ޑިޕާޓްމަންޓަކުން އެއް މުވައްޒަފަކު ފިޔަވައި އެހެން ހުރިހާ މުވައްޒަފުން އޮފީހުން ވަނީ ނެރެފަ އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނާއި އޭސީސީން އާރްޑީސީގެ އޮފީހަށް ވަދެފައި ވަނީ އާރްޑީސީގެ ބީއެމްއެލް އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި މައްސަލައާ ގުޅިގެންނެވެ.
އެ ފައިސާ ޖަމާކުރީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ ބޭންކު އެކައުންޓަށް ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓުވެސް ކުރިއެވެ. ނަމަވެސް އާރްޑީސީން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އެގޮތަށް ހަބަރު ފެތުރި ބައެއް މީޑިއާތަކާ ދެކޮޅަށް ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ.
މި މައްސަލައާ ގުޅިގެން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ކުރިން ވިދާޅުވެފައިވަނީ އެ ފައިސާ އަކީ ޕެޓީ ކޭޝްގެ ގޮތުގައި އެ ކުންފުނީގެ ސައިޓުތަކަށް ފޮނުވާ ފައިސާ ކަމަށެވެ.

"އަދަދު"ގެ 'އެތެރެފުށް' ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މޫކޭ ވިދާޅުވީ އެކުންފުނީގެ މުވައްޒަފުން ތިރީހަކަށް ސަައިޓެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއިން ކޮންމެ ސައިޓަކަށް ޕެޓީކޭޝްގެ ގޮތުގައި މަހަކު 10،000.ރ ޖަމާކުރާ ކަމަށެވެ. ޕެޓީކޭޝްގެ ގޮތުގައި ދޫކުރާ އެ ފައިސާ ޖަމާކުރަނީ މަސައްކަތު ސައިޓްތަކުގައި ތިބޭ މުވައްޒަފުންގެ އެކައުންޓަށް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބޮޑު އަދަދެއްގެ ގޮތުގައި ފެނިގެން އުޅެނީ މިދިޔަ ގާތްގަނޑަކަށް ހަތަރު އަހަރުގެ ތެރޭގައި ޖަމާކުރި ފައިސާ ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.













