ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ހިނގާ ފުރަތަމަ 100 ދުވަހުގެ އަމާޒުގެ ޕްލޭނާއި، ވައުދުފޮތް މާދަމާ ރޭ ލޯންޗު ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ސޯޝަލް ސެންޓަރުގައި ދިވެހި ނޫސްވެރިންނާއެކު އިންތިހާބީ ރައީސް ބޭއްވެވި ހަފުލާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި ދުވަހުން ފެށިގެން ރޭގެ ނިޔަލަށް އޭނާ ވެވަޑައިގެންނެވި ވައުދުތައް ވަކި ހާއްސަ ފޮތެއްގައި ނޯޓު ކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑަށް ޓިކެޓު ލިބުނު ދުވަހުން ފެށިގެން، އެކި ރަށްރަށަށް، އެކި ސިނާއަތްތަކަށް، ދާއިރާތަކަށް، ހާއްސަކޮށްގެން އަޅުގަނޑު ކޮށްދޭން ބުނެފައިވާ ކަންކަން، ވައުދުތައް، ވަކި ފޮތެއްގައި ނޯޓު ކުރަމުން ގެންދިޔައިން، އެ ނޯޓުތައް ޗާޕު ފޮތެއްގައި ނެރޭނަން،" މުއިއްޒު ވިދާޅުވި އެވެ.
ދެ ސަރުކާރެއްގައި މެދުކެނޑުމެއް ނެތި ހަތް އަހަރުގެ މުއްދަތަކަށް ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ރޭ ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތަކުގެ ފޮތާއި، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހުރި މަސައްކަތުގެ ޕްލޭން އިފްތިތާހުކުރުން ބުދަ ދުވަހުގެ ރޭ އޮންނާނެ އެވެ.
ލޯންޗުކުރުމުގެ އިވެންޓުގެ އިތުރު ތަފްސީލްތަކެއް ރޭ ނުދެއްވަ އެވެ. އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލްއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އިވެންޓު އޮންނާނެ ތަނާއި ވަގުތާއި އިތުރު ތަފްސީލްތައް ވަރަށް އަވަހަށް މީޑިއާތަކާ ހިއްސާކުރައްވާ ކަމަށެވެ.

"ނޫސްވެރިންގެ ގުންޒަރު" ގެ ނަމުގައި ރޭ ބޭއްވި އިވެންޓުގައި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި އެ ކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމުގެ ހިޔާލު ފާޅު ކުރުމުގެ ފުރުސަތެއް ދީފައިވެ އެވެ.
އެ ހިޔާލުތަކަށް ފަހު މުއިއްޒު ވަނީ ބައެއް އާ ކަންކަން ނޫސްވެރިންނަށް ކުރައްވަން ވައުދު ވެސް ވަޑައިގެންފަ އެވެ. އެ ގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި މީޑިއާތައް ހިންގަން އޮފީސް ޖާގަ ދޫކުރެވޭ ގޮތަށް ބޮޑު އިމާރާތެއް އަޅުއްވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.
ނޫސްވެރިން ތަމްރީނު ކުރުމަށް، ނޫސްވެރިކަމުގެ އެކި ކޯސްތަކަށް ސަރުކާރުން ކޮންމެ އަހަރަކު، ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ސްކޮލާޝިޕް ފުރުސަތުތައް ވެސް ހަމަޖައްސަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ވައުދު ފޮތުގެ ވާހަކައަށް މުއިއްޒު އިޝާރާތް ކުރެއްވީ ނޫސްވެރިންނަށް މުޅީން އާ ވައުދުތަކެއް އިއްޔެ ހުށަހެޅުއްވުމަށް ފަހު އެ ވާހަކައިގެ ތެރެއިންނެވެ.
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަކީ ވެސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަންނަ އަހަރަށް ލަފާކޮށް މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި މުއިއްޒު ހުށަހަޅުއްވާ ބައެއް ޕްރޮޖެކްޓްކަށް ފައިސާ ހިމަނާފައިވީ ނަމަވެސް އެ ކަމަށް ފައިސާ ހިމަނާފައެއް ނުވެ އެވެ.
މުއިއްޒު ރޭ ވިދާޅުވީ މަޖިލީހުގައި، ބަޖެޓު ދިރާސާކުރުމުގެ މަރުހަލާގެ ތެރޭގައި އެމަނިކުފާނުގެ ފަރާތްޕުޅުން އެ ކަން ހަމަޖައްސަވާނެ ކަމަށެވެ.













