ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށްގެންދާއިރު ރިޔާސަތުގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ނުބައިތިއްބަން އާއްމު ކޮމިޓީއަށް ލަފާދޭން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާ ގުޅޭ ކޮމިޓީން ނިންމައިފި އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ސަލާމުގައި ހުންނެވުމުން ހެނދުނު 09:00 ގައި ބޭއްވި ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އޭގެ ދެ ގަޑިއިރެއްހާއިރު ފަހުން ބޭއްވި ޖަލްސާގައި ރިޔާސަތުގައި އިންނެވީ އީވާ އެވެ.
ފުރަތަމަ ޖަލްސާގައި އެ ގަރާރަކީ ގަވާއިދާ ހިލާފު ގަރާރެއް ކަމަށް ވިދާޅުވެ އަފީފު ޖަލްސާ ނިންމަވާލެއްވި އެވެ. ދެވަނަ ޖަލްސާގައި އީވާ ވިދާޅުވީ އެއީ ބޭރުކޮށްފައިވާ ގަރާރެއް ކަމުން އެ މައްސަލަ ކުރިއަށް ނުގެންދެޥޭނެ ކަމަށެވެ.
އެކަމާ ގުޅިގެން އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅި މައްސަލާގައި ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ރިޔާސަތުގައި ނުބޭތިއްވުމަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެވެ. އަދި, އެކަމަށް ތާއީދު ކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުالله އެވެ.
އެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކޮށް މަޖިލީހުގެ އާންމު ކޮމިޓީއަށް އެކަން ވަނީ ފޮނުވާފަ އެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނިސްބަތްވެވަޑައިގަންނަވަނީ ނަޝީދު އެމްޑީޕީން ވަކިވެ އުފެއްދެވި ދަ ޑިމޮކްރެޓްސްއަށެވެ. އަދި, ނައިބު ރައީސް އީވާއަކީ އެމަނިކުފާނުގެ ކޮއްކޯފުޅެކެވެ.
އެ ދެ ބޭފުޅުންނަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުގައި އެ ދައުރު އަދާކުރައްވަން ފަސް މެމްބަރުން ހަމަޖައްސާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ބޭފުޅަކީ ހަސަން އަފީފެވެ.
ދެން ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.
މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން މިގޮތަށް ރިޔާސަތާ ހަވާލުވާ މެމްބަރުންނަށް ބެލެހެއްޓޭނީ ޖެހިޖެހިގެން ތިން ޖަލްސާ އެވެ.












