ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭތީ އެމްޑީޕީއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އީވާ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަމީންއާއްމު ފާތުމަތު ނިއުޝާއަށް ލިޔުއްވި ސިޓީއެއްގަ އެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލަ މިދިޔަ ހަފުތާގައި ހަތަރު ފަހަރަށް އެޖެންޑާކުރި ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދެވުނީ އާލާސްކަންފުޅާ އީވާ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުންނެވެ.
މަޖިލީހުގެ އަމީން އާއްމަށް ފޮނުއްވި ސިޓީގައި އީވާ ވިދާޅުވީ އެމްޑީޕީން އެ މައްސަލަ ކޯޓަށް ހުށަހެޅީ އެ މައްސަލާގައިި ކޯޓުގެ ނިންމުން މުހިންމު ކަމަށް ދެކޭތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަޝީދުގެ މައްސަލަ މަޖިލީހުން ކުރިއަށް ނުގެންދިއައީ ގަވާއިދާ ހިލާފަށް ކަމަށާއި އެ މައްސަލާގެ ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ބުނެފައިވާތީ އެކަމުގައި ކޯޓުން ގޮތެއް ނިންމުން މުހިންމު ވެސް އޭނާ ވިދާޅުވި އެވެ. މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުން ވަކި ގޮތެއް ކަނޑައަޅާ މަސައްކަތްތައް ކުރިއަށް ގޮސްފައި ނުވާކަންވެސް އީވާ ފާހަގަކުރެއްވި އެވެ.

ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައަށް އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުން ޖަލްސާއެއް ބޭއްވުން ވާނީ ކޯޓުގައި އޮތް މައްސަލައަށް ފޯރުވޭ ނުފޫޒެއް ކަމަށް ދެކޭ އީވާގެ ސިޓީގައި ބުނެފައިވެ އެވެ.














