ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދިން ލުއިތަކާއެކު، ޕެރޯލް ގާނޫނާއި އެމަނިކުފާނު އެއްބަސްވެވަޑައިގެންނެވި އިގުރާރާ ހިލާފަށް ސިޔާސީ ހަރަކާތްތައް ހިންގަމުންދާތީ، ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ކަރެކްޝަނަލް ސާވިސްއިން އިއްޔެ ދިނެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު "އަދަދު" ނޫހަށް ވިދާޅުވީ ޔާމީނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ހިންގުން ނުހިމެނޭނެ ކަމާއި އެއީ ގާނޫނާ ހިލާފަށް ކުރައްވާ ކަމެއް ކަމަށެވެ.
"އެހެންވެ، އެކަން ނުކުރެއްވުމަށް އެމަނިކުފާނަށް މިހާރު ވާނީ އިންޒާރު ފޮނުއްވާފައި،" އޭނާ ވިދާޅުވި އެވެ.
އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ޔާމީން ގޭ ބަންދަށް ބަދަލުކުރީ މިދިޔަ އޮކްޓޯބަރު 1 ގަ އެވެ. އެއަށް ފަހު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށް ލުއިތައް ދިނީ އޮކްޓޯބަރު 28 ވަނަ ދުވަހު އެވެ.
މާލޭ ބަންދަށް ބަދަލުކުރުމާއެކު ޔާމީން، ޕީޕީއެމް އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރެއްވި އެވެ. އެއަށް ފަހު މިދިޔަ ހޯމަ ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ވެސް ދެއްކެވި އެވެ.

ރިކަމުގައި ޔާމީން ހުންނެވިއިރު ޕެރޯލް ގާނޫނަށް ބަދަލު ގެނެސް، ޖަލު ހުކުމެއް އިއްވާފައިވާ ފަރާތަކަށް ސިޔާސީ ގޮތުން ހަރަކާތްތެރިވުން މަނާކުރި އެވެ.
އެ ގާނޫނުގެ 62 ވަނަ މާއްދާގައި ވަނީ ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާކަމަށެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ފޮޓޯ

އެމްޓީސީސީގެ ކަށަވަރު ސޭލް ފެށުމަށް ބޭއްވި ހަފުލާގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު











