ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ހިއްސާއެއް ކުރާ ޖީއެސްޓީ އާއި ރިސޯޓު ކުލި ނުދައްކާ މިންވަރު ބޮޑުތަނުން އިތުރުވެ އަންދާޒާ ކުރި ވަރަށް އާމްދަނީ ނުލިބި ހަރަދުތައް ފޫބައްދަން އިތުރު ގޮންޖެހުންތަކާ ކުރިމަތިވެދާނެ ކަމަށް ފިނޭންސް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ފިނޭންސުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުގައި ޓެކުހުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ދަށްވީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި މީރާއިން ދިން ލުއިތަކާ ގުޅިގެންނެވެ. އޭރު ސަރުކާރުން އަންގައިގެން މީރާއިން ވަނީ ބައެއް ޓެކުހާއި ރިސޯޓުތަކުގެ ބިމު ކުލި ދެއްކުން ފަސްކޮށްދިނުމާ އެކު، ޓެކްސް ނުދައްކާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުން (އެންފޯސްމަންޓް އެކްޝަންސް) ހުއްޓާލާފަ އެވެ.
މި ލުއިތަކަށް ފަހު މީރާއިން އަލުން އެންފޯސްމަންޓް އެކްޝަންސް ތަންފީޒުކުރަން ފެށި ނަމަވެސް ޓެކުހާއި އެހެނިހެން ގޮތްގޮތުން ދައްކަން ޖެހޭ ފައިސާ ދައްކާ މިންވަރަށް ހެޔޮ ބަދަލެއް ނާންނަ ކަމަށް ފިނޭންސުން ފާހަގަކުރި އެވެ.
އެގޮތުން, މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިދިޔަ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ލިބެން ޖެހި ނުލިބިވާ ފައިސާގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާތައް ނުހިމަނައި) ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފިނޭންސުން ބުންޏެވެ. އަދި, މިކަން މިގޮތަށް ހިނގާ ނަމަ އަންދާޒާ ކުރި އާމްދަނީ ނުލިބި، ހަރަދުތައް ފޫބައްދަން އިތުރު ދަރަނި ނަގަން ޖެހި ދާނެ ކަމަށް އެ މިނިސްޓްރީން ބަޖެޓުގައި ފާހަގަކޮށްފައިވެ އެވެ.
"ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ދަށްވަމުންދާ ނަމަ، އަހަރުގެ ތެރޭގައި ލިބޭނެކަމަށް އަންދާޒާ ކުރާ އާމްދަނީ ލިބުމުގެ ފުރުސަތު ކުޑަވެ، ހަރަދު ފައިނޭންސް ކުރުމަށް ބޭނުންވާ މިންވަރު އިތުރުވުން އެކަށީގެންވެ އެވެ" ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވެ އެވެ.

ބަޖެޓު ފޮތުގައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ނުލިބިވާ ފައިސާގެ ޖުމްލައަކީ 7.7 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 28 ޕަސެންޓު ނުވަތަ 1.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ރިސޯޓުތަކުގެ ބިމު ކުލިން ނުލިބިވާ ފައިސާ އެވެ.
ޖޫން 2023ގެ ނިޔަލަށް ދައުލަތަށް ނުލިބިވާ އާމްދަނީ
- އިންކަމް ޓެކްސް - 536.8 މިލިއަން ރުފިޔާ (106 ޕަސެންޓު އިތުރު)
- ޓީޖީއެސްޓީ - 972.9 މިލިއަން ރުފިޔާ (71 ޕަސެންޓު އިތުރު)
- ޖީޖީއެސްޓީ - 1.6 ބިލިއަން ރުފިޔާ (48 ޕަސެންޓު އިތުރު)
- އެހެނިހެން ޓެކްސް - 920 މިލިއަން ރުފިޔާ (3 ޕަސެންޓު އިތުުރު)
- ރިސޯޓުތަކުގެ ބިމު ކުލި - 3.4 ބިލިއަން ރުފިޔާ (17 ޕަސެންޓު އިތުރު)
- ޓެކްސް ނޫން އާމްދަނީ - 171 މިލިއަން ރުފިޔާ (16 ޕަސެންޓު ދަށް)
- ޖުމްލަ - 7.7 ބިލިއަން ރުފިޔާ (28 ޕަސެންޓު އިތުރު)
ނުލިބިވާ އާމްދަނީގެ ހިރާސް ކުޑަކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ބުނީ މީރާއިން އަޅަމުންދާ ފިޔަވަޅުތަކުގެ މަގުސަދު ހާސިލުވާ މިންވަރު ދެނެގަތުމަށް ފަހު އެ ފިޔަވަޅުތައް މުރާޖާކުރަން ޖެހޭ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ޓެކްސް ތަންފީޒުކުރުމުގައި މިހާރު ދިމާވާ މިފަދަ ދަތިތައް ހައްލުކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.













