އަވަށްޓެރި އިންޑިއާއިން އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބޭނެ ކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޖަހައިފި އެވެ.
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ 1.2 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން 176.6 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ އިންޑިއާއިންނެވެ. ލަފާކުރާ ބަޖެޓުގައިވާ ގޮތުން އެއީ ހިލޭ އެހީގެ ގޮތުގައި އެއް ގައުމަކުން ލިބޭ އެންމެ ގިނަ ފައިސާ އެވެ.
ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ ފައިސާގެ ތެރެއިން ދެން އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބޭނެ ކަމަށް ބަޖެޓުގައި ޖަހާފައި އޮތީ ވޯލްޑު ބޭންކުންނެވެ. އެ އިދާރާއިން 142.2 މިލިޔަން ރުފިޔާ އެވެ.
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން 99.5 މިލިޔަން ރުފިޔާ ވެސް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައި އެބަ އޮތެވެ.
ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ ފައިސާގެ ބޮޑު ބައެއް ލިބޭނެ ކަމަށް ބަޖެޓްގައި ޖަހާފައި އޮތީ ބައިނަލް އަގުވާމީ ބޭންކްތަކާއި ޖަމިއްޔާ ޖަމާއަތްތަކުންނެވެ.













