އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.
ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން އަހަރަކަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެ އަހަރެެއް ފެށުމުގެ ދެ މަސްދުވަސް ކުރިން މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. ގާނޫނުގެ އެމާއްދާއާ އެއްގޮތަށް އަމަލުކުރާ ނަމަ މިއަދަކީ ބަޖެޓް ހުށަހަޅަން ޖެހޭ ފަހު ތާރީހެވެ.
މިއަދުގެ މަޖިލިސް ޖަލްސާއަށް ބަޖެޓު ހުށަހަޅަން ޖެހުނު ނަމަވެސް, އެޓާނީ ޖެނެރަލްގެ ލަފާގެ މަތީން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބަޖެޓު ހުށަހެޅުމަށް ހާޒިރުވެވަޑައިގެންފައި ނުވެ އެވެ.
އެއީ, ރައްޔިތުންގެ މަޖިލީހުގެ ރަައީސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރެެއްގެ މައްސަލަ ނުނިމެނީސް މަޖިލީހުގައި އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭޖީ ލަފާ ދެއްވުމުންނެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސުން ބަޖެޓު ހުށަހެޅިއިރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގެ ލަފާ ވެސް ވަނީ ހޯދާފަ އެވެ. އަދި, އެމަނިކުފާނު އެދިލެއްވި ކަންކަން ވެސް ބަޖެޓުގައި ހިމަނާނެ ކަމަށް ފިނޭންސުން މީގެކުރިން ހާމަކޮށްފައިވެ އެވެ.

މިއީ 2023 ވަނަ އަހަރަށް ފާސްކުރި 42.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 6.9 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ. ބަޖެޓުގެ އެހެނިހެން ތަފްސީލުތައް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.












