ފުލުހުން ކުރަމުން ދިޔަ ތަހުގީގަކަށް ބަންދުގައި ބަހައްޓާފައިވާ މީހަކު އޭނާގެ ފޯނުގެ ލޮކް ކޯޑު ދިނުމަށް ކުރި އަމުރަށް ނުކިޔަމަންތެރިވެގެން އުފުލި ދައުވާއެއް ސާބިތުވެ، އޭނާ 21،000ރ. ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލާގައި އެ މީހާގެ މައްޗަށް ދައުލަތުން އުފުލީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. ޝަރީއަތުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
ދައުވާއަށް އިންކާރު ކުރަމުން އޭނާ ބުނެފައިވަނީ، ތިން ފޯނެއް ގެންގުޅޭ ކަމަށާއި އެ ތިން ފޯނުގެ ކޯޑު ވެސް ފުލުހުން ދޭން އެދުމުން ދީފައިވާނެ ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ކޯޑެއް އެއީ ކޮން ފޯނެއްގެ ކޯޑު ކަން ނުބުނާ ކަމަށާއި އެ ގޮތަށް ނުބުނީ އެ ގޮތަށް ނޭދޭތީ ކަމަށް ޝަރީއަތުގައި ބުނެފައިވެ އެވެ.
ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ހެކިވެރިންގެ ގޮތުގައި ތަހުގީގުގައި ބައިވެރިވި ދެ ފުލުހަކާއި، ކިތާބީ ހެކީގެ ގޮތުގައި ފުލުހުން ހިންގަމުން ދިޔަ ތަހުގީގުގެ ލިޔެކިޔުންތަކަކާއި، ތަހުގީގަށް ދައުވާ ރައްދުވާ ފަރާތް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރު ހުށަހަޅާފަ އެވެ.
މައްސަލަ ބެއްލެވި ގާޒީ މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރެއްވީ، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ދައުވާ ރައްދުވާ މީހާ ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށް އޭނާ އަތުން ފެނުނު ފޯނުތަކުގެ ލޮކު ކޯޑު ދޭން ބުނުމުން އެ ކަމަށް ދެކޮޅު ހަދާފައިވާ ކަން ސާބިތުވާ ކަމަށެވެ.

ގާނޫނުލް އުގޫބާތުގައި، މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ދިނުމަށް ދައުވާ ރައްދުވާ ފަރާތުން އެދުނެވެ. ޖޫރިމަނާ ދެއްކޭނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު ކާބޯތަކެތި ޑެލިވާ ކޮށްދޭ ތަނެއްގައި ވަޒީފާ އަދާކުރާ ކަމުގެ ލިޔުން ވެސް އޭނާ ހުށަހެޅި އެވެ.
އުފުލާފައިވާ ދައުވާގައި ބަޔާންކުރާ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ނުވާތީ ގާޒީ ވެސް ނިންމެވީ ގާޒީއަށް ލިބިދޭ އިހުތިޔާރުގެ ތެރެއިން ޖޫރިމަނާ އަދަބެއް ކަނޑައެޅުމަށެވެ. ޖޫރިމަނާގެ ގޮތުގައި ކަނޑައެޅި 21،000ރ. ހަތަރު މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް ހުކުމުގައި އަންގާފައިވެ އެވެ.











