ފާމަސީތަކަށް ބޭސް ނަގަންދާ މީހުންގެ އައިޑީކާޑު ބަލައި ފޯނު ނަންބަރަށް ފޮނުވާ ޑިސްޕެންސިން ކޯޑު ދީގެން ނޫނީ ބޭސް ނުނެގޭ ގޮތަށް އާސަންދަ އިން ހަމަޖައްސަައިފި އެވެ.
މި ބަދަލާ އެކު ބޭސް ފިހާރަތަކުގައި ތިބޭ ފާމަސިސްޓުން، ބޭސް ނަގަންދާ މީހުންގެ އައިޑީކާޑު ނަމްބަރާއި ފޯނު ނަންބަރު އާސަންދަ ޕޯޓަލުގައި ޖެހުމުން ގަންނަން ދާ މީހާގެ ފޯނަށް ޑިސްޕެންސިން ކޯޑެއް އަންނާނެ އެވެ. ބޭސް ދޫކުރާނީ އެސްއެމްއެސްގެ ޒަރިއްޔާ އިން އަންނަ އެ ކޯޑު ދިނުމުންނެވެ.
އާސަންދައިގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު "އަދަދު" އަށް ބުނީ، މި ބަދަލު ގެންނަން އަދި ހަމަޖެހިފައި ވަނީ ހަމައެކަނި މާލެ ސިޓީގެ ބޭސް ފިހާރަތަކުގައި ކަމަށެވެ. އެގޮތުން މިދިޔަ އޮގަސްޓު މަހުން ފެށިގެން މި ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވާ އޭނާ މައުލޫމާތު ދިނެވެ.
މިފަދަ ބަދަލެއް ގެނައީ ބޭސް ފިހާރަތަކުން ބިލްކުރަނީ ބޭސް ނަގަން ގޮސްގެންކަން ޔަގީންކުރުމަށް ކަމަށް އާޝިޔާ މައުލޫމާތު ދިނެވެ.
މީގެ ކުރިން އާސަންދައިން ބޭސް ނަގުމުގެ ކުރިން އިތުރު އެއްވެސް ލިއުމެއް އަދި ނަންބަރެއް ހިއްސާކުރާކަަށް ނުޖެހެ އެވެ. ޑޮކްޓަރުގެ ބޭސް ސިޓީ ދައްކާލުމުން ބޭސް ދޫކުރެ އެވެ.














