ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ކައުންސިލް މެމްބަރު އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ރޭ ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކުރީ ރޭ 11 ޖަހާކަންހާއިރު، ކެނެރީމަގު، އޭޖޭއީ އެމްޕޯރިއަމް ކައިރިންނެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
އަޝްރަފު ހައްޔަރު ކުރީ މާރާމާރީ ހިންގަން ހިތްވަރު ދިން ކަމުގެ ތުހުމަތުގައި ކަމަށް އޭނާގެ ވަކީލު މުހައްމަދު ހަލީމު ވިދާޅުވި އެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް އޭނާ ނުކުރާ ކަމަށް ހަލީމް ވިދާޅުވި އެވެ.
"އޭނާ ދިޔައީ މާރާމާރީއެއްގެ މައުލޫމާތު ލިބިގެން އެތަން ކަވަރުކުރަން. އެތަނަށް ފުލުހުން އައުމުގެ ކުރިން ގްރޫޕުގެ މީހުން ފިލައިފި. އެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް [ޝުމްބާ] ގެންދިޔައީ،" ހަލީމް ވިދާޅުވި އެވެ.

އަޝްރަފުގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ގެންދިޔުން އެކަށީގެންވާ ކަމަށް ހަލީމް ވިދާޅުވި އެވެ.












