ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަައިވާ 6.5 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް މާދަމާގެ ޖަލްސާއަށް އެޖެންޑާ ނުކުރުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކަންބޮޑުވުން ފާޅުުކުރައްވައިފި އެވެ.
އަސްލަމް މިރޭ "އަދަދު" އަށް ވިދާޅުވީ މާދަމާ ބާއްވާ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓް އެޖެންޑާ ނުކުރީ އެ ބަޖެޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ހޯދަން ޖެހޭ މައުލޫމާތުތަކެއް ހުރުމުން ކަމަށް މަޖިލީހުގެ ސެކްރެޓޭރިއަޓުން މައުލޫމާތު ދީފައިވާ ކަަމަށެވެ. އެހެން ނަމަވެސް އެ ހުރިހާ މައުލޫމާތެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ ހައިސިއްޔަތުން އަޅުގަނޑު އެ ކަންބޮޑުވުން ހިއްސާކޮށްފައި ވާނީ މަޖިލީހުގެ ރިޔާސަތަށް އަދި އަމީން އާއްމަށް ވެސް، އެހެން ނަމަވެސް މާދަމާގެ ޖަލްސާއަށް އެކުލަވައިލި އެޖެންޑާ އަލުން މުރާޖައާކުރި އިރު ވެސް ސަޕްލިމެންޓްރީ ބަޖެޓް ހިމަނާފައެއް ނެތް،" އަސްލަމް ވިދާޅުވި އެވެ.
ރައްުޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި 42.5 ބިލިޔަން ރުފިޔާާއަށް ވުރެ އިތުރަށް ދައުލަތުން ހަރަދުކުރަން ޖެހުމުން ހުށަހެޅި 6.5 ބިލިޔަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި އެވެ. އެހެން ނަމަވެސް މިއަދުގެ ޖަލްސާ ފަށަން އޮތް ވަގުތު ޖެހުނު އިރު ކޯރަމް ހަމަވާ އަދަދަށް ތަޅުމުގައި މެމްބަރުން ނެތުމުން މިއަދުގެ ޖަލްސާ ކެންސަލް ކުރީ އެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން ބުނި ގޮތަށް، ފިނޭންސް މިނިސްޓްރީން ހޯދަން ޖެހޭ މައުލޫމާތުތަކެއް ހުރި ނަމަ މިއަދުގެ ޖަލްސާއަށް ވެސް ސަޕްލިމެންޓްރީ ބަޖެޓް އެޖެންޑާކުރާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ކެންސަލް ކުރި ނަމަވެސް ކޯރަމް ހަމަވާ އަދަަދަށް މެމްބަރުން ވަޑައިގެން އުޅުއްވި ކަމަށާއި އެ މެމްބަރުން ތަޅުމަށް ގެނެސް ކޯރަމް ހަމަކުރަން ރިޔާސަތުން މަސައްކަތް ނުކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އެހެން ނަމަވެސް ޖަލްސާ ފަށާ ވަގުތު މެމްބަރުން ވަޑައިގެން ތިއްބެވުން މުހިންމު ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ.
"އެހެން ނަމަވެސް މަޖިލީހުގައި މަސައްކަތްތައް އޮންނަ ގޮތުން، މެމްބަރުން އަބަދު ވަޑައިގެން ތަޅުމުގައި ނުތިއްބަވައިފާނެ،" ކޮމިޓީތަކުގެ މަސައްކަތް މިހާރު ކުރިއަށް ދާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
މަޖިލީހުގައި 87 މެމްބަރުން ތިއްބަވާ އިރު ޖަލްސާއެއް ބޭއްވޭ ކޯރަމަކީ 22 މެމްބަރުންނެވެ. އެހެން ނަމަވެސް އެ އަދަދަށް މެމްބަރުން ވަޑައިނުގަންނަވާތީ ޖަލްސާ ބޭއްވޭ ގޮތް ނުވުމުގެ މައްސަލަ ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.












