ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެ ރިޕޯޓަށް 65 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ލިބިފައިވާ ޝަކުވާތަކުގެ ތަފާސްހިސާބުތަކާ އެކު، އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއީލް ހަބީބު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ ނޮވެމްބަރު 5، ގެ ކުރިން އެ ޝަކުވާތަކާ މެދު ކޮމިޝަނުން ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި ކަނޑައަޅާ ގޮތުގެ ޖަވާބު ޝަކުވާ ހުށަހެޅި ފަރާތްތަކަށް ވެސް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.
"ހުށަހެޅިފައިވާ ޝަކުވާތަކަށް 2023 ނޮވެމްބަރު 5 ގެ ކުރިން، އީސީ އިން ގޮތެއް ކަނޑައަޅާނެ. އަދި ޝަކުވާ ހުށަހެޅި ފަރާތްތަކަށް އީސީ އިން ނިންމާ ނިންމުން، ސަބަބާއެކު އަންގާނެ،" ޝަކުވާތަކާ ގުޅޭ ގޮތުން "އަދަދު" ނޫހުން ކޮމިޝަނާ ސުވާލުކުރުމުން އޭނާ ވިދާޅުވި އެވެ.
ހަބީބު ހިއްސާކުރައްވާފައިވާ ތަފާސްހިސާބުގައިވާ ގޮތުން 65 ޝަކުވާގެ ތެރެއިން 44 ޝަކުވާއަކީ އައްޑޫ ސިޓީ ފޭދޫ އުތުރު ދާއިރާއަށް ހުށަހަޅާފައިވާ ޝަކުވާ އެވެ. އައްޑޫގެ އެހެން ބައެއް ދާއިރާތަކަށް ހަ ޝަކުވާއެއް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ފޭދޫ ދެކުނު ދާއިރާއަށް ހުށަހަޅާފައިވާ ޝަކުވާއެއް ވެސް ހިމެނެ އެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އޮންނަނީ އައްޑޫ ފޭދޫ ދާއިރާ އެވެ. ފޭދޫގެ އާބާދީ އިތުރުވުމާ ވެސް އެކު، ކޮމިޝަނުން ގެނައި ބަދަލަކީ އެ ރަށުގެ ކަނީރު މަގުން އުތުރަށް އޮންނަ ސަރަހައްދުގެ ބަޔަކާއި ރަށާ އެއް ފަސްގަނޑަކަށް އޮތް ނަމަވެސް ވަކި ރަށެއް ގޮތަށް ބަލަމުން އަންނަ މަރަދޫފޭދޫއަކީ ފޭދޫ އުތުރު ދާއިރާގެ ގޮތުގައި ކަނޑައެޅުމަށެވެ. ރަށުގެ ބާކީ ސަރަހައްދަކީ ފޭދޫ ދެކުނު ދާއިރާ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އައްޑޫ ސިޓީގެ ދާއިރާތަކަށް ބޮޑު ބަދަލެއް އިލެކްޝަނުން ގެނައީ، މީގެ ކުރިން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ މީދޫގެ ދާއިރާގައި މަރަދޫފޭދޫ ހިމެނޭތީ އެ ރަށުގެ ގިނަ މީހުންގެ ކަންބޮޑުވުންތަކެއް ވެސް އެ ކަމުގައި އޮއްވަ އެވެ.
ދާއިރާތަކަށް ހުށަހަޅާފައިވާ ޝަކުވާ
- އައްޑޫ ފޭދޫ ދެކުނު ދާއިރާ - އެއް ޝަކުވާ
- އައްޑޫ މަރަދޫ ދާއިރާ - އެއް ޝަކުވާ
- އައްޑޫ ހިތަދޫ އުތުރު ދާއިރާ - އެއް ޝަކުވާ
- އައްޑޫ ހިތަދޫ މެދު ދާއިރާ - އެއް ޝަކުވާ
- އައްޑޫ ހިތަދޫ ދެކުނު ދާއިރާ - އެއް ޝަކުވާ
- އައްޑޫ މީދޫ ދާއިރާ - އެއް ޝަކުވާ
- އައްޑޫ ފޭދޫ އުތުރު ދާއިރާ - 44 ޝަކުވާ
- ލ. އިސްދޫ ދާއިރާ - ދެ ޝަކުވާ
- ލ. ގަމު ދާއިރާ - އެއް ޝަކުވާ
- ބ. ތުޅާދޫ ދާއިރާ - އެއް ޝަކުވާ
- ބ. އޭދަފުށި ދާއިރާ - އެއް ޝަކުވާ
- ބ. ކެންދޫ ދާއިރާ - އެއް ޝަކުވާ
- ބ. ހިތާދޫ ދާއިރާ - އެއް ޝަކުވާ
- ގއ. ދާންދޫ ދާއިރާ - ދެ ޝަކުވާ
- ގއ. ގެމަނަފުށި ދާއިރާ - ދެ ޝަކުވާ
- ގއ. ކޮލަމާފުށި ދާއިރާ - ދެ ޝަކުވާ
- މާލެ ސިޓީގެ ދާއިރާތައް - ދެ ޝަކުވާ
ހަބީބު ވިދާޅުވީ ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި ކޮމިޝަނުގެ ނިންމުމަށް އެއްބަސްވެ ތާއީދުކޮށްފައިވާ ހުށަހަޅާފައިވާ ހިޔާލުތައް ހިމެނޭތީ، އިންތިހާބީ ދާއިރާތަކަށް ބަދަލެއް އައުމާ މެދު އަދި ވަކި އެއްޗެއް ވިދާޅުވާން ދަތި ކަމަށެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް 87 އިންތިހާބީ ދާއިރާއެއް ހިމެނިއިރު، 20 ވަނަ މަޖިލީހަށް އެކުލަވާލި ރިޕޯޓުގައި 93 އިންތިހާބީ ދާއިރާއެއް ހިމެނި އެވެ.
އައްޑޫ ސިޓީ ފޭދޫގެ އިތުރުން ދެން އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ހުޅުމާލެއަށެވެ. ކުރިން ހުޅުމާލެ އެންމެ ދާއިރާއެއް އޮތް ނަމަވެސް މި ފަހަރު ތިން ދާއިރާ ހިމެނެ އެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުމާލެ މެދު ދާއިރާ، އަދި ހުޅުމާލެ ދެކުނު ދާއިރާ އެވެ.
އޭގެ އިތުރުން، ބ. އަތޮޅުގައި ހިތާދޫ ދާއިރާއެއް ވަނީ އިތުރުކޮށްފަ އެވެ. އެ ދާއިރާގައި ހިމެނެނީ ހިތާދޫގެ އިތުރުން އެ އަތޮޅު މާޅޮހާއި ދަރަވަންދޫ އެވެ. މީގެ ތެރެއިން މާޅޮހާއި ހިތާދޫއަކީ އޭދަފުށި ދާއިރާ އެވެ. ދަރަވަންދޫއަކީ ކެންދޫ ދާއިރާގެ ރަށެކެވެ.
ގއ. އަތޮޅުގައި ވެސް ދާއިރާއެއް އިތުރުކޮށްފައިވެ އެވެ. އެއީ ކުރިން ވިލިނގިލި ދާއިރާގައި ހިމެނޭ ކޮލަމާފުއްޓާއި ގެމަނަފުށި ދާއިރާގައި ހިމެނޭ ދެއްވަދޫ ހިމަނައިގެން ކޮލަމާފުށި ދާއިރާގެ ނަމުގައި އިތުރު ކުރި ދާއިރާ އެވެ.
ދެން ދާއިރާއެއް އިތުރުކޮށްފައިވަނީ ކ. އަތޮޅަށެވެ. އެއީ ގުރައިދޫ ދާއިރާގައި ހިމެނޭ ގުޅި އާއި ތުލުސްދޫ ދާއިރާގައި ހިމެނޭ ހުރާ އާއި ހިންމަފުށި ހިމަނައިގެން ހުރާ ދާއިރާގައި ނަމުގައި އިތުރުކޮށްފައިވާ ދާއިރާއެކެވެ.
ކޮންމެ އިންތިހާބީ ދައުރަކަށް ފަހު މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާތީ އެ އަދަދު ހިފެހެއްޓުމުގެ މަގުސަދާ ވެސް އެކު މަޖިލީހުގެ އެކުލެވުން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލަށް ވެސް ހުށަހެޅިފައިވެ އެވެ. މިހާރު އިންތިހާބީ ދާއިރާތައް އެކުލަވާލާފައިވާނީ އާބާދީގެ ކޮންމެ 5،000 މީހަކު ތަމްސީލުކުރެވޭ ގޮތަށް އަދި އެ އަދަދަށް ނުހިމެނޭ ކޮންމެ އަތޮޅަކު ދެ މެންބަރަކު ހިމެނޭ ގޮތަށެވެ.













