ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކު މާބަނޑުވުމުން އެކަމުގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "އަދަދު"އަށް ވިދާޅުވީ، ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކު ބަލިވެއިން މައްސަލައެއް ބަލައި އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށް ވެސް މީޑިއާ އޮފިޝަލު މައުލޫމާތު ދިނެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 30 ދުވަސް ޖަހާފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.
ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި، އެކުދިންނަށް އެކި ކަހަލަ އަނިޔާދޭ މައްސަލަތައް ފެންމަތިވަމުން އަންނަ އިރު، އެފަދަ މައްސަލަތަކަކީ ބޮޑެތި ހުކުމްތައް އަތުވެދާނެ ކުއްތަކެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް އެންމެ ގިނައިން ހުށަހަޅާފައިވާ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ ގޯނާގެ 48 މައްސަލައެއް ހުށަހަޅާފައިވާކަމަށް ވެއެވެ.














