އޮޑިޓަ ޖެނެރަލްގެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 123 މިލިއަން ރުފިޔާގެ ފާސްކޮށް ދިނުމަށް އެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މާލިއްޔަތު ކޮމިޓީއަށް މިއަދު ހުށަހެޅި އެ ބަޖެޓަކީ މި ހިނގަމުންދާ އަހަރަށް އޮފީހަށް ފާސްކުރި ބަޖެޓަށް ވުރެ 30 މިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ. މި އަހަރަށް އެ އޮފީހަށް ކަނޑައެޅީ 93 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް 100 މިލިއަން ރުފިޔާ އަށް ވުރެ އިތުރުވެގެން ދިޔައީ އޮފީސް ހުރި އިމާރާތް ބަދަލު ކުރުމުންނެވެ.
ކުރިން އެ އޮފީސް ހިންގަމުން ދިޔައީ، ދާދި ފަހުން ތަޅައިލި ޣާޒީ ބިލްޑިންގުގަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އޮޑިޓަ ޖެނެރަލް އޮފީހުގެ ރިކަރެންޓު ހަރަދުގެ ގޮތުގައި 82 މިލިއަން ރުފިޔާ، ކެޕިޓަލް ހަރަދުގެ ގޮތުގައި ތިން މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީ ބަޖެޓުގެ ގޮތުގައި 32 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ.
ރިކަރަންޓު ހަރަދުކުރާނެ ގޮތުގެ ތަފްސީލު
- މުސާރަ އާއި އިނާޔަތްތަކަށް 56 މިލިއަން ރުފިޔާ
- ޓްރެވެލް އެކްސްޕެންސްތަކަށް 5 މިލިއަން ރުފިޔާ
- އިދާރީ ހިދުމަތްތަކަށް 15 މިލިއަން ރުފިޔާ
- ޓްރޭނިން އަށް 1 މިލިއަން ރުފިޔާ
- ރިޕެއާ އަދި މެއިންޓަނަންސް އަށް 1 މިލިއަން ރުފިޔާ
- ސަބްސްކްރިޕްޝަން އަދި ކޮންޓްރިބިއުޝަންތަކަށް 100،000ރ.
މީގެ ތެރެއިން ޕީއެސްއައިޕީ ބަޖެޓުގައި ހިމަނާފައިވަނީ ހުޅުމާލޭގައި ހަދަމުންދާ އޮޑިޓް އޮފީހުގެ އާ އޮފީސް އިމާރާތް ނިންމުމަށާއި، އެ އޮފީސް ހިންގުމަށް މިހާރު ކުއްޔަށް ނަގައިގެން ހިންގާ ތަނުގެ ކުއްޔަށެވެ. އެ އޮފީހުގެ އާ އޮފީސް އިމާރާތް، 138 މިލިއަން ރުފިޔާއަށް ހަވާލުކުރީ، ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އޮޑިޓު އޮފީހުގެ ބަޖެޓު އިތުރުވާ ސަބަބުތަކުގެ ތެރޭގައި މުވައްޒަފުންގެ ޑިޕެންޑެންޓު އެލަވަންސް ބޮޑުކުރަން 10.4 މިލިއަން ރުފިޔާ ހިމެނުން ހިމެނެ އެވެ. އެ ލަވަންސް ބޮޑުކުރަން ނިންމީ އޮފީހުގެ ތަޖުރިބާކާރު މުވައްޒަފުންނާއި ފަންނީ މުވައްޒަފުން ވަކިވުން އިތުރުވަމުންދާތީ ކަމަށް ކޮމިޓީގައި އެ އޮފީހުން ބުންޏެވެ.












