ސިނަމާލެ ބްރިޖުގައި ގަވައިދާ ހިލާފަށް ދުއްވި 120 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވައިފި އެވެ.
ފުލުހުން ބުނީ އިއްޔެ ހެނދުނު 7:30 އިން ފެށިގެން މިއަދުގެ އެވަގުތާ ހަމައަށް ބްރިޖުގައި ގަވައިދާ ހިލާފަށް އުޅަނދު ދުއްވި 120 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވާފައިވާނެ ކަމަށެވެ.
ސިނަމާލެ ބްރިޖުގައި ދުއްވުން ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި، ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ކެމެރާތައް މެދުވެރިކޮށް ދެނެގަނެ، އުޅަނދު ދުއްވި ބާރުމިން އެނގޭ ގޮތަށް، އެ އުޅަނދެއް ވެރިއަކަށް މެސެޖު ފޮނުވަން ފެށީ އިއްޔެ އެވެ.
އުޅަނދުތައް ދުއްވާ ބާރު މިނާއި ލޭން ބަދަލުކުރިކަން ފުލުހުން ދެނެގަންނާނީ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމެރާތަކުގެ ޒަރިއްޔާއިން ކަމަށް ފުލުހުން ބުނެ އެވެ.
ފޮނުވާ މެސެޖުތަކުގައި އެއްވެސް ލިންކެއް ނުހިމެނޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހެދިފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ނުދުއްވުމަށް އިލްތިމާސްކޮށްފަ އެވެ.












