މާލޭގެ ކްލިނިކެއްގެ ތެރޭގައި ހަށިވިއްކި ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ "ދިވެހި ބޭސް ކްލިނިކް" ނަމުގައި ހިންގާ ތަނެއްގެ ތެރޭގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމުން ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނެއް އަދި 41 އަހަރުގެ ފިރިހެނެކެެވެ. ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެ އެވެ.
މި އޮޕަރޭޝަން ހިންގާފައި ވަނީ ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓު އަދި އިންޓެލިޖެންސް ގުޅިގެންނެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

މާލޭގައި ހިންގާ ބައެއް މަސާޖު ޕާލާތަކާއި ސްޕާތަކުގައި ބިދޭސީ އަންހެނުން ލައްވައި ހަށިވިއްކުވާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އެފަދަ ތަންތަނުގައި ހަށިވިއްކަމުން ދަނިކޮށް ވެސް ފުލުހުން މީގެ ކުރިން މީހުން އަތުލައިގަނެފައި އެބަ ހުއްޓެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް މާލޭގެ ސްޕާއެއްގެ ތެރެއިން ހަށިވިއްކާކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކުރި އެވެ. އެފަހަރު ހައްޔަރުކޮށްފައި ވަނީ ތިން ބިދޭސީ އަންހެނުންނާއި، ދެ ދިވެހި ފިރިހެނުންނެވެ.













