ސިނަމާލެ ބްރިޖްގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެކަން އަންގައި މެސެޖެއް ފޮނުވަން ފަށަން ނިންމާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޮކްޓޯބަރު 15، އިން ފެށިގެން ސިނަމާލެ ބްރިޖުގައި ދުއްވުން ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި، ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ކެމެރާތައް މެދުވެރިކޮށް ދެނެގަނެ، އުޅަނދު ދުއްވި ބާރުމިން އެނގޭ ގޮތަށް، އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ފޯނަށް މެސެޖެއް ދާނެ ކަމަށެވެ.
އެގޮތުން އުޅަނދު ދުއްވި ބާރު މިނާއި ލޭން ބަދަލުކުރިކަން ފުލުހުން ދެނެގަންނާނީ ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމެރާތަކުގެ ޒަރިއްޔާއިން ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ. އަދި އެ އިދާރާއިން ފޮނުވާ މެސެޖުތަކުގައި އެއްވެސް ލިންކެއް ނުހިމެނޭނެ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހެދިފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ނުދުއްވުމަށް އިލްތިމާސްކޮށްފަ އެވެ.












