ސެޕްޓެމްބަރު 30، ގައި އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މަސައްކަތް ކުރި އޮފިޝަލުންގެ އެލަވަންސް މި ހަފުތާގެ ތެރޭގައި ޖަމާވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދެވަނަ ބުރުގައި މަސައްކަތް ކުރި އޮފިޝަލުންގެ އެލަވަންސް ޖަމާކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި މި ހަފްތާ ތެރޭގައި ހުރިހާ އޮފިޝަލުންނަށް ވެސް އެލަވެންސް ޖަމާކޮށްދިނުމަށް އީސީން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.
ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކޮންމެ ބުރުގައި ވެސް ޓްރޭނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުންނާއި، މާލޭ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރެއްވި އޮފިޝަލުންނާއި، ރިޒާވް އޮފިޝަލުންގެ އެލަވަންސްގެ ގޮތުގައި ފައިސާ ދިނުމަށް 18 މިލިއަން ރުފިޔާ ހޭދަވި ކަމަށެވެ.
އެގޮތުން ފުރަތަމަ ބުރުގައި މަސައްކަތް ކުރި އޮފިޝަލުންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ އޮފިޝަލުންގެ އެލަވަންސް ޖަމާކޮށް ނިމިފައިވާކަން ހަބީބް ފާހަގަކުރެއްވި އެވެ.
"ކޮންމެ ބުރަކު ގާތްގަނޑަކަށް 18 މިލިއަން މި ހަރަދުވަނީ އެލަވެންސްއަށް. މިހާރު ފުރަތަމަ ބުރުގެ ހުރިހާ އޮފިޝަލުންގެ އެލަވެންސް ފޮނުވާ ގާތްގަނޑަކަށް ވަނީ ނިމިފަ،" ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މަސައްކަތް ކުރީ 5،000 އެއްހާ އޮފިޝަލުންނެވެ. ދެވަނަ ބުރުގައި އިތުރު 12 ވޯޓު ފޮށި ބަހައްޓައި، އެ ފޮށިތަކަށް ބޭނުންވާ އިތުރު 200 އޮފިޝަލުން އީސީން ނެގި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ ދައްކާގޮތުން، އިންތިހާބު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަށް ލިބިވަޑައިގެންފައިވަނީ 129،159 ވޯޓެވެ. އެއީ ވޯޓުގެ 54.04 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 109،868 ވޯޓެވެ. އެއީ އެއީ ވޯޓުގެ 45.96 ޕަސެންޓެވެ.













