ހިޔާ އެޗު-6 ޓަވަރުގެ 12 ވަނަ ފަންގިފިލާއިން ރޭ 15 އަހަރުގެ ކުއްޖަކު ވެއްޓި ނިޔާވި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން މިއަދު ބުނެފި އެވެ.
އެކަމާ ގުޅޭގޮތުން "އަދަދު" ނޫހުން ސުވާލު ކުރުމުން ފުލުހުންގެ މީީޑިއާ އޮފިޝަލް ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ދާތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ، މައްސަލަ ތަހުގީގު ކުރަމުން ދަނީ އިނގޭތޯ،" އިތުރު ތަފުސީލު ހޯދުމަށް ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހިޔާ އެޗު6 ޓަވަރުގެ 12 ވަނަ ފަންގިފިލާގެ 15 ވަނަ އެޕާޓުމަންޓުން މަގުމައްޗަށް އެ ކުއްޖާ ވެއްޓުނީ ރޭ 11:45 ހާއިރު އެވެ. ވެއްޓުމާއެކު އެ ސަރަހައްދުގައި އެވަގުތު ތިބި ޒުވާނުންތަކެއްގެ އެހީގައި އެ ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ނަމަވެސް އޭރު ވެސް އެ ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ޒުވާނުން ބުންޏެވެ.
އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގައި ނިޔާވިކަން ހުޅުމާލެ ހޮސްޕިޓަލުން ކަށަވަރު ކޮށްދިނީ ވެއްޓުނުތާ ގަޑިއެއްހާއިރު ފަހުން 12:45 ގަ އެވެ.

އެ ހާދިސާގައި އެ ކުއްޖާގެ ބޮލަށާއި ފަޔަށް ވަރަށް ބޮޑެތި ޒަހަމުތަކެއް ލިބުނު ކަމަށް މަންޒަރު ދުށް މީހުން "އަދަދު" ގެ ނޫސްވެރިންނަށް ކިޔައިދިނެވެ. އެ ކުއްޖާ ވެއްޓިފައި އޮތް ތަނުގައި ވެސް ވަރަށް ބައިވަރު ލޭ އޮހުރިފައި އޮތެވެ.
ހއ. ދިއްދޫއަށް އުފަން އެ ކުއްޖާގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދު ހެނދުނު 10:00 ގައި ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.












