މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެމީހާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ފެށި ފަހުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ކަން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު މެންދުރު ކުރި 11:00 އެހާކަށް ހާއިރު ކަމަށެވެ.
އެ މައްސަލާގައި އުމުރުން 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ވެސް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި އަންހެންމީހާ ފިރިހެނަކަށް ވަޅިން ހަމަލާ ދިނީ ފިހާރައެއްގެ ތެރޭގަ އެވެ. ހަމަލާ އަމާޒުކުރީ އެމީހާގެ ކަރަށް ކަމަށް ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
އޭޑީކޭގައި ފަރުވާދެމުން އަންނަނީ އެ ވީޑިއޯ އިން ފެންނަ ހާދިސާގައި ޒަހަމްވި މީހާއަށް ކަން ފުލުހުން ވެސް ޔަގީންކޮށްދިނެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.












