ސިނަމާލެ ބުރިޖާއި ހުޅުމާލެއާ ދެމެދު އޮންނަ ހައިވޭގައި ހަތަރު ކާރު ޖެހި އެކްސިޑެންޓެއް ހިނގާ ހައިވޭގައި ބޮޑު ޓްރެފިކް ޖޭމެއްވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ހަތަރު ކާރު ޖެހި އެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދާ ލޭނުގަ އެވެ. އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމެއް ސާފެއްނުވެ އެވެ.
"އަދަދު" އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އެކްސިޑެންޓުވި ކާރުތަކަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.

ހައިވޭގައި އެކްސިޑެންޓުވި ހަތަރު ކާރުގެ ތެރެއިން ދެ ކާރު -
އެކްސިޑެންޓާ ގުޅިގެން އިތުރަށް ސަމާލުވުމަށް ފުލުހުން އެދިފައިވާއިރު، ބުރިޖު އަދި ހައިވޭގެ ހުޅުމާލެއަށްދާ ލޭނުތަކުގެ ޓްރެފިކް ވަނީ ބްލޮކުވެފަ އެވެ. އެގޮތުން ހައިވޭގެ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަކޮށްފައިވާ ލޭނުތަކުގެ ބޮޑު ބަޔެއްގައި ގިނަ އަދަދެއްގެ އުޅަނދުތައް ވަނީ ތާށިވެފަ އެވެ.

އެކްސިޑެންޓާ ގުޅިގެން ފުލުހުން ކުރާ މަސައްކަތްތަކަށްފަހު ޓްރެފިކު އާންމު ހާލަތަށް ގެނެވޭނެ ވަކި ވަގުތެއް ފުލުހުން ބުނެފައެއް ނުވެ އެވެ.












