އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މާލެ އަދި އަތޮޅުތެރޭގެ ޝަކުވާ ބިއުރޯތަކަށް ހުށަހެޅީ 30 ޝަކުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ދެވަނަ ބުރުގެ ވޯޓުލުމާ ގުޅޭ އެކި މައުލޫމާތުތައް ހިއްސާކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އެ ކޮމިޝަނުގެ ޝަކުވާ ބިއުރޯތަކަށް ހުށަހެޅީ 15 ޝަކުވާ ކަމަށެވެ. އަދި މާލޭގައި ގާއިމްކުރި ބިއުރޯއަށް ވެސް 15 ޝަކުވާއެއް ހުށަހެޅި ކަމަށެވެ.
"ޖުމްލަ 30 ޝަކުވާއެއް އަޅުގަނޑުމެންނަށް މިއަދު ލިބިފަ އެބަވޭ، އެހެންވީމަ 28 ޝަކުވާއަކާ ގުޅޭ ކަންކަން އަޅުގަނޑުމެން ބަލަމުން މިދަނީ" ހަބީބް ވިދާޅުވި އެވެ.
އިއްޔެ އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކުގެ ތެރެއިން ދެ ޝަކުވާއަކަށް، ރޭ 10:00އާ ހަމައަށް ޖަވާބުދީފައިވާނެ ކަމަށް ބުނެ އެވެ.
ޝަކުވާތަކުގެ ތެރޭގައި، ސީރިއަސް ކަމެއް ނެތް ކަމަށް ހަބީބް ވިދާޅުވި އެވެ. ހުށަހެޅިފައި ވަނީ ކޮރަޕްޝަނާ ގުޅުންހުރި ދެ މައްސަލައަކާއި، ރަޖިސްޓްރޭޝަނާ ގުޅުންހުރި އެއް މައްސަލައަކާއި ވޯޓު ލުމުގެ ހައްގާ ގުޅުންހުރި ތިން މައްސަލައަކާއި، އިންތިހާބީ މުވައްޒަފުންނާ ގުޅޭ 15 މައްސަލައެއްގެ އިތުރުން ކެމްޕޭން އަދި އެންޓިކެމްޕޭނާ ގުޅޭ ތިން މައްސަލައެއް އަދި އެހެނިހެން ތިން މައްސަލައެވެ.

ދެ ވަނަ ބުރުގައި 243،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 282,804 މީހުންގެ ތެރެއިން 86 ޕަސެންޓެވެ.
އިއްޔެގެ އިންތިހާބުގައި 127,000 ގިނަ ވޯޓާ އެކު ކާމިޔާބު ހޯއްދެވީ ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެވެ. ދެން ވާދަކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 108,000 ވޯޓެވެ.












