ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި އަޅާ ބަލާއިރު މި ބުރުގައި ވޯޓުލާން ނުކުަތް މީހުންގެ އަދަދު އިތުރުވި ނަމަވެސް، ކިއޫގައި މަޑުކުރަން ޖެހުނު ވަގުތު މަދުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހެދުނު 8:00 އިން ފެށިގެން ހަވީރު 4:00 ހަމަޔަށް 221،496 މީހުން ވަނީ ވޯޓުލާފަ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 78.32 ޕަސެންޓެވެ.
ކިއޫގައި މަޑުކުރަންޖެހޭ ވަގުތު މަދުވީ އިންތިހާބުގައި މިފަހަރު ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ސަބަބުންނެވެ. ކުރީ ފަހަރާ ހިލާފަށް މިފަހަރު ގިނަ މަރުކަޒުތަކުގައި ވޯޓުގައި ފާހަގަ ޖެހުމަށް ދެ ބޫތު ބަހައްޓާފައި ހުއްޓެވެ. އަދި ވޯޓު ކަރުދާސް ދޫކުރުމާއި، އައިޑީ ކާޑު ބަލައި ކަށަވަރުކުރުމަށް އިތުރު އޮފިޝަލުން ހަރަކާތްތެރިވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ޖުމްލަ 225,484 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ އާބާދީގެ 80 ޕަސެންޓު މީހުންނެވެ. މި ބުރުގައި 282،803 ވޯޓު ލުމުގެ ހައްގު ލިބެ އެވެ. އެއީ 138394 އަންހެނުން، އަދި 144410 ފިރިހެނުނެވެ. ފުރަތަމަ ބުރަށް ވުރެ ދެ ވަނަ ބުރުގައި އިތުރުވީ 408 މީހުން ނެވެ.
ފުރަތަމަ ބުރުގައި 574 ވޯޓު ފޮށި ބެހެއްޓިނަމަވެސް ރީ ރަޖެސްޓްރޭޓްކުރި މީހުންގެ އަދަދު އިތުރުވުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ މިބުރުގައި އިތުރު 12 ފޮށި ބަހައްޓާފަ އެވެ. އެއީ އަތޮޅުތަކުގައި 319 ފޮށި، މާލެ ސަރަހައްދުގައި 187 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 9 ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި، ސިނާއީ ސަރަހައްދެއްގައި ބެހެއްޓި ފޮށްޓެކެވެ.

ފުރަތަމަ ބުރުގައި ވޯޓުލާ މަރުކަޒުތައް ކައިރީގައި ދިގު ކިއުތައް ހަދާފައި އޮތް ނަމަވެސް، މި ބުރުގައި ޖުމްލަ ގޮތެއްގައި ހުރިހާ ފޮއްޓެއް ކައިރީގައި ކިއުތައް މަދުކަން ފާހަނގަކުރެވެ އެވެ. އަދި ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައި އޮތް ގޮތުން ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދާގޮތް އަވަސްކަންވެސް ފާހަނގަކުރެވެ އެވެ.
މިބުރުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:00 އާ ހަމަޔަށެވެ. 5:00 ވުމާއެކު ވޯޓުލުމަށް ހަދާފައިވާ ކިޔުތައް ބަންދުކުރާނެ އެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ވޯޓުލުން ލަސްވެ ނުވަތަ މެދުކެނޑުނު ކަމުގައި ވިޔަސް، ވޯޓުލާން ކަނޑައަޅާފައިވާ ގަޑި އިތުރު ނުކޮށްދޭނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.












