މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ހެނދުނު 9:30 ހަމައަށް 36،000 މީހުން ވޯޓުލައިފި އެވެ.
އިލެކްޝަން ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8:00ގައި ފެށުމާއި އެކު އެއްގަޑިއިރު ތެރޭގައި ޖުމްލަ 36،312 މީހުން ވަނީ ވޯޓުލާފަ އެވެ.
އެ ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުން ނުވައެއް ޖެހުމާ ހަމައަށް ނުފެށި ވަނީ އެންމެ ފޮއްޓެއްގެ ވޯޓުލުމެވެ. އެއީ އަބޫދާބީގައި ބެހެއްޓި ޔޫއޭއީގެ ވޯޓު ފޮށި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައި ވެއެވެ.
ދެވަނަ ބުރުގައި ވާދަކުރައްވަނީ މި މަހުގެ ނުވައެއްގައި ބޭއްވި ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެވި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަދި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނެ އެވެ.

ފުރަތަމަ ބުރުގައި ބެހެއްޓި 574 ވޯޓު ފޮށީގެ އިތުރަށް މި ބުރުގައި 12 ފޮށި ބަހައްޓާނެ އެވެ. އެއީ އަތޮޅުތަކުގައި 319 ފޮށި، މާލެ ސަރަހައްދުގައި 187 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 9 ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި، ސިނާއީ ސަރަހައްދެއްގައި ބެހެއްޓޭ ފޮށްޓެކެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރިމަތިލާއިރު، ފުރަތަަމަ ބުރުގައި ތިންވަނަ، ހަތަރުވަނަ، އަދި ފަސްވަނައަށް ދިޔަ ކެންޑިޑޭޓުން އަދި ޕާޓީތަކުން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ސަޕޯޓު ނުކުރުމަށް ނިންމާފަ އެވެ. ޕީއެންސީއާއެކު އެމްއެންޕީއިން ކޯލިޝަން ހެދިއިރު އެމްޑީއޭއިން ވަނީ އެމްޑީޕީ ދޫކޮށް ޑރ. މުއިއްޒު އަށް ތާއީދުކޮށްފަ އެވެ.












