މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ނިމެންދެއް ފުލުހުންގެ އެލާޓް ލެވެލް އެންމެ މަތިކޮށްފައިވާ ކަމަށް ބުނެފި އެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އިއްޔެއިން ފެށިގެން އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ނިމި ނަތީޖާ އިއުލާނުކުރަން ދެން އެލާޓް ލެވަލް ވަނީ އެންމެ މަތީ ދަރަޖައަށް ބަދަލުކުރެވިފައި ވާކަމަށެވެ.
ދެވަނަ ބުރުގައި ޖުމްލަ 586 ވޯޓު ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފަ އެވެ. ކޮންމެ ވޯޓުލާ މަރުކަޒެއްގެ ސެކިއުރިޓީ ބެލެހެއްޓުމާއި، އިންތިހާބުގެ އެކި ކަންކަމުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. އޭގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނެ އެވެ.
ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އެއަށްފަހު ކުރިއަށް ދާނީ ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތެވެ.














