އައްޑޫ ސިޓީ މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަކަށް ބަޔަކު ވަދެ, އޭނާ ބަނދެ ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު ފައިސާތަކެއް ފޭރިއްޖެ އެވެ.
ފުލުހުން ބުނީ މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަކަށް ވަދެ, އެ މީހާ ބަނުމަށްފަހު ފޭރުނު މައްސަލަ މިއަދު ހެދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ރިޕޯޓު ލިބުނީ ހެނދުނު 6:12 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ ބަނދެފައި ވަނިކޮށް ސަލާމަތްވާން މަސައްކަތް ކުރުމުގެ ތެރޭގައި އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއް ވެފައި ވެ އެވެ.
އޭނާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު, އޭނާގެ އަތަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ފެތުރެމުން އެބަދެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.














