ސެޕްޓެމްބަރު 9، ގައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މަސައްކަތް ކުރި އޮފިޝަލުންގެ އެލަވަންސް މި ހަފުތާގެ ތެރޭގައި ޖަމާވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ޓްރޭނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުންނާއި، މާލޭ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރެއްވި އޮފިޝަލުންނާއި، ރިޒާވް އޮފިޝަލުންގެ އެލަވަންސް މި ހަފްތާގައި ޖަމާވާނެ ކަމަށެވެ.
އެގޮތުން އަތޮޅުތަކުގައި މަސައްކަތް ކުރި އޮފިޝަލުންގެ އެލަވަންސް ޖަމާކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާކަން ހަބީބް ފާހަގަކުރެއްވި އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި މަސައްކަތް ކުރީ 5،000 އެއްހާ އޮފިޝަލުންނެވެ. ދެވަނަ ބުރުގައި އިތުރު 12 12 ވޯޓު ފޮށި ބަހައްޓަން އީސީން ނިންމާފާވާއިރު، އެ ފޮށިތަކަށް ބޭނުންވާ އިތުރު 200 އޮފިޝަލުން ހޯދަން އެ ކޮމިޝަނުން ވަނީ އިއުލާނުކޮށްފަ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ. ދެވަނަ ބުރުގައި އަލަށް ވޯޓުލުމުގެ ހައްގު 409 މީހަކަށް ލިބިފައިވާކަމަށް އީސީން ބުނެ އެވެ.














